ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި ޒުވާނާ އެކަމަށް އިންކާރުކޮށްފި އެވެ.
ޔާމީންގެ ގެކޮޅާއި އަދި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިފައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ.
ފުލުހުން މިރޭ ބުނީ އެ މީހާގެ ބަންދަން ދިން މުއްދަތު ހަމަވުމުން އިތުރަށް ބަންދުގައި ބެހެެއްޓުމަށް މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށްވެސް ބުންޏެވެ.
އެ މީހާ ފުލުހުންގެ ބަންދުން ވީއްލުނު ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރި ޒުވާނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ. އެ ޒުވާނާ ބަންދުން ދޫކޮށްލުމުން އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިސްމާއީލް އާސިފް ވަނީ އޭނާއާ ބައްދަލުކޮށްފައެވެ. އަދި އެ ޒުވާނާ ވަނީ ޗެނަލް 13 އަށް އިންޓަވިއުއެއްވެސް ދީފައެވެ.
އުމުރުން 20 އަހަރުގެ އިޖާޒް ބުނީ އޭނާއަކީ ދުވަހަކުވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވި މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ބޮޑު ތުުހުމަތެއްގައި ހައްޔަރު ކުރުމުން ވަރަށް ކަންބޮޑުވި ކަމަށެވެ. ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭ ކުރަނިކޮށް ފެންނަ ސީސީޓީވީ ފްޓޭޖް ފެނިފައިވާ ކަމަށާ އޭގައި ފެންނަ މީހާއާ އޭނާއާ އެއްވެސް ވަރަކަށް ވައްތަރު ނޫން ކަމަށެވެ.
"އެއީ އައިނުވެސް އަޅައިގެން ހުރި މީހެއް ނޫން. އަދި އަޅުގަނޑަށް ވުރެ ހަމުގެ ކުލަވެސް ތަންކޮޅެއް ކަޅުކަންނޭންގެ އަސްލު. އަޅުގަނޑަަށް އައިނު ނާޅާ ފަސް ފޫޓް ކުރިއަށް ނުވެސް ފެންނާނެ،"
އިޖާޒް ބުނީ ރައީސް ޔާމީންގެ ގެކޮޅަށް ގެއްލުން ދިނީ އޭނާ ނޫން ކަމަށާ އެކަން ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. އެއީ ވަރަށް ޔަގީން ކަމާއެކު ބުނާ ވާހަކަ އެއް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ނުދެއްކޭނެކަން [ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭކުރިކަން]. އެއީ އަޅުގަނޑު ކުރިކަމެއް ނޫންވީމަ،"