ސްޓެލްކޯ

ސްޓެލްކޯގެ އިންޖިނިއަރުންނަށް ވާޓްސިލާގެ ތައުރީފް

May 21, 2022

ދުނިޔޭގައި އެންމެ ވަރުގަދަ ޖަނަރޭޓަރު ސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވާޓްސިލާ ކުންފުނިން ރާއްޖޭގެ ސްޓެލްކޯ ކުންފުނީގެ މަސައްކަތްތަކަށް ތައުރީފްކޮށްފި އެވެ.

ސްޓެލްކޯގެ މަސައްކަތްތައް ވާޓްސިލާ ކުންފުނިން ފާހަގަކޮށް ތައުރީފް ކުރި އެ ދެ ކުންފުނި އެކުގައި މަސައްކަތް ކުރާތާ މިއަހަރަށް 30 އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ވާޓްސިލާގެ ޖަނަރޭޓަރު ސެޓްތައް އެންމެ ފުރުތަމަ ރާއްޖެއަށް ގެނެސްފައިވަނީ 1990 ވަނަ އަހަރުގައި މާލޭގެ އިންޖީނުގެއަށެވެ. މި ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށްވެސް ބޭނުންކުރަމުންދެ އެވެ. އެކަން ފާހަގަކޮށް ވާޓްސިލާ އިން ވަނީ މި ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފްކޮށްފަ އެވެ. އާންމު ގޮތެއްގައި ޑީސަލް ޖަނަރޭޓަރެއްގެ އުމުރަކީ 25 އަހަރެވެ.

ވާޓްސިލާއިން ރާއްޖެއަށް 1990 ގައި ފޮނުވި ދެ ޖަނަރޭޓަރު ސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރު ސެޓެއް ގެނެސްފައިވެ އެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓެވެ. އެއާއެކު ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100 މެގަވޮޓަށް އަރަ އެވެ. ޖަނަރޭޓަރު ސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީން ދެމުންނެވެ.

މީގެ އިތުރުން ވާޓްސިލާގެ އެންމެފަހުގެ އުފެއްދުން ކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ދަނީ ބޭނުން ކުރަމުންނެވެ. މިއީ ޖަނަރޭޓަރު ސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަޣައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވި ކަމުގައިވީ ނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ކަމަށެވެ. އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލްކަމާއި، އެފަރާތުން ދެއްވާ ކަސްޓަމާ ސާވިސްގެ ފުރިހަމަކަމުން ދިމާވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން 1990 ވަނަ އަހަރު ބޭނުން ކުރަން ފެށި ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތް ކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށާއި، ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އަދި މުސްތަގްބަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވާޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދިމެގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށެވެ. އަދި 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދީފައިވާތީ އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލްކަމާއި، މެއިންޓަނަންސްގެ މަސައްކަތުގެ ފުރިހަމަކަން ކަމަށެވެ. އަދި ވާޓްސިލާ ގުރޫޕްގެ އުއްމީދަކީ އެކުންފުންޏާއި، ދިވެހި ސަރުކާރާއި، ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް ކުރިއަށް ދިއުން ކަމުގައިވެސް ވިދާޅުވި އެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިން ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުންޏެވެ. އެގޮތުން އިންޖީނިއަރިން ފީލްޑްގައި 600 އަށް ވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް މަސައްކަތް ކުރަމުންދެ އެވެ.