ޕީޕީއެމް

ޕީޕީއެމާ ގިނަ ބަޔަކު ގުޅިއްޖެ

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގިނަ ބަޔަކު ގުޅިއްޖެ އެވެ.

ޕީޕީއެމްގެ ހެޑް އޮފީހުގައި މިރޭ އޮތް ޖަލްސާގައި އެ ޕާޓީއާ އަލަށް ގުޅުނު މެންބަރުން ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މެންބާޝިޕް ފޯމް ހަވާލު ކުރައްވާފައެވެ.

މިރޭ އެ ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. މީގެ އިތުރުން ކަށީގެ ބަލީތަކަށް ހާއްސަ ޑޮކްޓަރު ޖިހާދުވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން އެ ޕާޓީއާ ގުޅުނު ބައެއް މެންބަރުންގެ ފޯމްތައްވެސް ރައީސް ޔާމީނާ ވަނީ ހަވާލު ކުރައްވާފައެވެ.

އެ ޕާޓީގެ ދަފްރަތުން މެންބަރުން އުނިކުރަމުންދާ މައްސަލައާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ޕާޓީން މިރޭވެސް ބުނީ ބައެއް ޕާޓީތަކުން "ވަގަށް" އެ ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ގެންދާ ކަމަށެވެ. އެކަން ބަލަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ޕީޕީއެމްގައި މިވަގުތު 34368 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީއަކީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

އެހެން ކަމުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަދަދެއް ލިބުނީ އެ ޕާޓީއަށެވެ. މިއަހަރުގެ ބަޖެޓުން އެ ޕާޓީއަށް 9.4 މިލިއަން ރުފިޔާ ލިބެއެވެ. ނަމަވެސް ސިވިލް ކޯޓް އޮތް މައްސަލައަކާއި ގުޅިގެން އެ ޕާޓީއަށް ދޫކުރީ 8.9 މިލިއަން ރުފިޔާ އެވެ.

ކޯޓްގައި އޮތް މައްސަލައާ ގުޅިގެން 500،000 ރުފިޔާ ވަނީ ފިނޭންސް އިން ހިފަހައްޓާފައެވެ.