ރަޝިއާ - ޔުކްރޭން ހަނގުރާމަ ނިންމަން ހިފާނެ ހިސާބެއް އެނގިވަޑައި ނުގަންނަވާ ކަމަށް ރަޝިއާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލިއޮނިދު ސްލަސްކީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ދެ ގައުމު ސުލްހަވުމަށް އިތުރަށް މަޝްވަރާ ކުރަން ޖެހޭ ނަމަ އެކަން އެނގޭނީ ވެސް ޔުކްރޭނަށް ކަމަށެވެ.
މިއަހަރު ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަށް މަޝްވަރާ މުހިންމު ކަމަށް ރަޝިއާ އަދި ޔުކްރޭނުން ވެސް ބުނެ އެވެ. އެހެން ނަމަވެސް، މަޝްވަރާތައް ފެށިތަނުން ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.
ތުރުކީ އިސްނަގައިގެން ފެށި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ހުއްޓާލަން ޖެހުނީ ޔުކްރޭނުން ބުނާ ގޮތުން ރަޝިއާގެ ސަބަބުންނެވެ. ރަޝިއާ ބުނާ ގޮތުން ޔުކްރޭންގެ ސަބަބުންނެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ކުރިން ވިދާޅުވި ގޮތުގައި މަޝްްވަރާތައް މެދުކަނޑާލަން ޖެހުނީ ޔުކްރޭން ދެކޭ ގޮތާއި ބޭނުންވާ ގޮތް ބަދަލުވާލެއް އަވަސް ކަމުންނެވެ.
ޕެސްކޯފް ވިދާޅުވި ގޮތުގައި މަޝްވަރާ ތަކުގައި ދައްކާނެ ވާހަކައެއް ޔުކްރޭނަކަށް ނޭނގެ އެވެ. އެމީހުން ދައްކަން ޖެހެނީ އެހެން ބަޔަކު ދައްކަން ހުންނަ ވާހަކަތަކެކެވެ. ޔުކްރޭނުން މަޝްވަރާއަށް ފޮނުވާފައި ތިބެނީ ވަތަނީ ލޯތްބަށް ވުރެ ބޮޑު ލޯތްބެއް އެހެން ބަޔަކަށް އޮންނަ ބައެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ސުލްހައިގެ މަޝްވަރާތައް ދެން ކުރިން ގެންދެވޭނީ ޔުކްރޭން ބޭނުން ވުމުން ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ. ޔުކްރޭން މަސައްކަތް ކުރަނީ އެމެރިކާ އާއި ބައިވެރިންގެ އެހީތެރިކަމާއެކު ރަޝިއާއާ ހަނގުރާމަކޮށް މޮޅުވުމަށް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކަކީ އަދި އަސްލު ހަނގުރާމައެއް ނޫން ކަމަށް ރަޝިއާ ބުނެ އެވެ. އެއީ ޔުކްރޭންގެ ވިސްނުން ބަދަލުކޮށް ވަތަނީ ވެރިންތަކެއް ޔުކްރޭނަށް ގެނައުމަށް ފެށި ޚާއްސަ އޮޕަރޭޝަނެއް ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
ޔުކްރޭންގެ ބައެއް ގޮތުގައި އޮންނަ ދޮންބާސް ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ޔުކްރޭންގެ ސިފައިން ދެމުން ގެންދާ ހަމަލާތައް ހުއްޓުވައި އެ ސަރަހައްދު މިނިވަން ކުރުމަކީ ވެސް ރަޝިއާގެ ބޭނުމެކެވެ.