އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި ދިރިއުޅޭ މީހަކަށް އޮޅިގެން އޭނާގެ ދޮންދަރިއެއްގެ ޕާސްޕޯޓުގައި އެހެން ގައުމަކަށް ދަތުރު ކުރެވިގެން ޖަލަށް ދާން ޖެހިއްޖެ އެވެ.
އިނގިރޭސި ވިލާތުން ކްރޮއޭޝިއާ އަށް މި މީހާއަށް ދޮންދަރީގެ ޕާސްޕޯޓްގައި ދަތުރު ކުރެވުނީ ދިމާވި އެކްސިޑެންޓަކުންނެވެ. އެމީހާ ފްލައިޓަށް އަރައިގެން ގޮސް ކްރޮއޭޝިއާ އަށް ފޭބުމާއެކު ބޯޑަރުގާޑުން ވަނީ އޭނާ ހައްޔަރުކޮށް ޖަލަށް ލާފަ އެވެ. ޑޭވިޑް ޗަޑްވިކް ނަމަކަށް ކިޔާ މި މީހާ ކްރޮއޭޝިޔާ ޖަލުގައި ފަސް ދުވަހު ބަހައްޓާފައި ވެއެވެ.
މެންޗެސްޓާ އިން ކްރޮއޭޝިއާ އަށް ދަތުރުކުރި ރަޔަންއެއާގެ ފްލައިޓަށް 57 އަހަރުގެ މި ފިރިހެންމީހާ އެރީ އޭނާގެ އަންހެނުންނާއެކު ރޮމެންޓިކް ދަތުރެއް ކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް ޒަގްރެބް އެއާޕޯޓުން ބޯޑަރު ގާޑުން އޭނާ ހައްޔަރުކޮށް ޖަލަށްލީ އެވެ.
ސަބަބަކީ އެމީހާގެ އަތުގައި އޮތީ އޭނާގެ ދޮންދަރިއެއްގެ ޕާސްޕޯޓް ކަމަށްވާތީ އެވެ. އަދި އޭނާ އަކީ ކާކުކަން އެނގޭނެ އެހެން އެއްވެސް ރަސްމީ ލިޔުމެއް ވެސް ޑޭވިޑްގެ އަތުގައި ނެތެވެ.
ފަސް ދުވަހުގެ ޗުއްޓިއެއްގައި ކްރޮއޭޝިޔާ އަށް ދިޔަ ޑޭވިޑް ފަސް ދުވަސް ހަމަވެ ޗުއްޓީ ނިމެންދެން އޮންނަންޖެހުނީ ޖަލު ގޮޅީގަ އެވެ.
ޑޭވިޑްގެ އަންހެނުން އެލިސަން އާއި ދޮން ދަރިފުޅު ކެތެރީން އަކީ ނަރުހުންނެވެ. އޭނާ ފުރަން ވެގެން ތައްޔާރުވީއިރު ކޮންމެވެސް ގޮތަކުން އޮޅިގެން އަމިއްލަ ޕާސްޕޯޓުގެ ބަދަލުގައި ކެތެރީންގެ ޕާސްޕޯޓް ދަބަހަށް ލެވުނީ އެވެ.
ޑޭވިޑް ބުނި ގޮތުގައި މި ކުރެވުނު ކަމަކުން ޖަލަށް ދާން ޖެހުމުގެ އިތުރުން ލަދުން ވެސް ބޯހަލާކު ވެއްޖެ އެވެ. އަދި މީގެ ފަހުން އެއްވެސް ދަތުރެއް ކުރާނަމަ ހުރިހާ ޑޮކިއުމަންޓެއް ހަމަކޮށް އަދި އެއީ އޭނާގެ އެއްޗެހިކަން ޔަގީން ކުރާނެ ކަމަށް ވެސް ޑޭވިޑް ބުންޏެވެ.
ޑޭވިޑް ބުނި ގޮތުގައި އެހެން މީހެއްގެ ޕާސްޕޯޓް ހިފައިގެން ފުރަން އެއާޕޯޓަށް ދެވުނީ އޭނާގެ ކުށުން ކަމަށް އޭނާވެސް ގަބޫލު ކުރެ އެވެ. ނަމަވެސް މެންޗެސްޓާ އެއާޕޯޓުގައި ތިބި އިމިގްރޭޝަން އޮފިސަރުންނަށް އެވަރު ނޭގުމުން އޭނާ ވަރަށް ހައިރާންވި އެވެ.
އަދި 11/9 ގެ ހާދިސާއަށްފަހު މީހަކަށް އޭނާގެ ދޮން ދަރިއެއްގެ ޕާސްޕޯޓުގައި މަތިންދާބޯޓަކަށް އެރި ދާނެކަމަށް އޭނާއަށް ވެސް ގަބޫލު ކުރަން ދަތިކަމަށް ޑޭވިޑް ބުންޏެވެ. އަދި އެއީ ޒުވާން އަންހެންކުއްޖަކަށް ވެފައި އޭނާވަރުގެ ބޮޑު ފިރިހެނަކަށް އެ ޕާސްޕޯޓުގައި ދަތުރުކުރެވުނު ގޮތާ މެދު ޑޭވިޑް ސުވާލު އުފެއްދި އެވެ. އެ ޕާސްޕޯޓުގައި ޒުވާން އަންހެނެއްގެ ފޮޓޯ ޖަހާފައިވާއިރު އޭނާ އާއި ފޮޓޯގައި އިން މީހާ ވަކިކުރަން ނޭނގުމަކީ އޭނާގެ ކުށެއްތޯ ވެސް ޑޭވިޑް ސުވާލު ކުރި އެވެ.
"އަހަރެން ފަސް ދުވަހު ޖަލުގައި ހުރެފައި އެނބުރި އައިސް މެންޗެސްޓާ އެއާޕޯޓަށް ފޭބުމުން އެތާ ތިބި މީހުން ވެސް ތިބީ އެހެން މީހެއްގެ ޕާސްޕޯޓުގައި އަހަންނަށް ކްރޮއޭޝިޔާ އަށް ދަތުރު ކުރެވުނު ގޮތެއް ނޭނގި ހައިރާންވެފައި،" ޑޭވިޑް ބުންޏެވެ.
އަންހެނުންނާއެކު ރޮމެންޓިކް ދަތުރެއް ކުރި ޑޭވިޑް ފަސް ދުވަހު ޖަލުގައި ހުރުމުން އޭނާގެ އަންހެނުންނަށް ޖެހުނީ ކްރޮއޭޝިޔާ ތެރޭގައި އެކަނި މާއެކަނި އުޅޭށެވެ.