މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) ގެ ނާއިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ (މުއާ) ހަމަޖައްސަވައިފި އެވެ.
މީގެ ދެ ދުވަހެއްގެ ކުރީން އެ ޕާޓީއާ ގުޅިވަޑައިގެންނެވި މުއާޒު، އެ މަގާމަށް ހަމަޖައްސަވާފައިވާކަން އެ ޕާޓީން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްޓީޑީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އެމްޓީޑީގެ ނާއިބު ރައީސްގެ މަގާމަށް ހަމަޖައްސަވައިފި ކަމަށެވެ.
މުއާޒު، ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ކުރީން ޕީޕީއެމްގައި ހުންނެވި މުއާޒު، މި ފަހުން ގެންދަވަނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމްޓީޑީގެ ރައީސް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އެމަނިކުފާނަށް ތައުރީފު ކުރައްވަމުންނެވެ.
މުއާޒު މިއަދު ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރުކޮށް ޕާޓީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
އެމްޓީޑީގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ. ނާއިބު ރައީސަކަށް އިބްރާހިމް މުއާޒެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވީ އަހުމަދު އަޝްރަފް (ޝުންބާ) އެވެ. މި ފަހުން އެ ޕާޓީއާ ގުޅޭ މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޕާޓީގެ ހަރަކާތްތައް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދުވެސް ސަތޭކައަށް ވުރެ ގިނަ މެންބަރުން އެ ޕާޓީއާ އަލަށް ގުޅިފައިވެއެވެ.