މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ރައީސްގެ މައްސަލަ މަޖިލީހަށް

May 22, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މަޖިލީހަށް މިއަދު މިމައްސަލަ ހުށަހެޅުއްވީ ކޮމިޓީގައި އިންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

ޝަހުބާންގެ މައްސަލަ މަޖިލީހުގެ ކޮމިޓީ އަކަށް ހުށަހަޅާފައި މިވަނީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭތީ އެވެ. އަދި އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

އުޝާމު ވިދާޅުވި ގޮތުގައި އެމްއެމްސީގެ ގާނޫނުގައި ބުނާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ޝަހްބާންގެ ކިބައިން މިހާރު ވަނީ އުނިވެފަ އެވެ.

އެމްއެމްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެމްއެމްސީގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތަކާ ގުޅިގެންނެވެ. މީގެތެރޭގައި ހިމެނެނީ ދައުރު ހަމަވުން، ކައުންސިލްގެ މެމްބަރުކަމުން ވަކިކުރުން، އިސްތިއުފާދިނުން، މަރުވުން ނުވަތަ މެންބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމެވެ.

ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ ކިންގްސް ކުންފުނީގެ ބައިވެރިއެއް ކަމުގައިވާ ޝަހްބާންގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ.

ކިންގްސް ކުންފުނިން ހިންގީ ޕޮންޒީ ސްކީމެއް ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަށް އެ ކުންފުނިން އަބަދުވެސް ދޮގުކުރެ އެވެ.