ޕީއެސްއެމް

ޓީވީއެމް ހިންގާ އިމާރާތުން ކަރަންޓް ކަނޑާލި ވާހަކަ ދޮގުކޮށްފި

ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ހިންގާ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގެ އިމާރާތުން ކަރަންޓް ކަނޑާލާފައިނުވާނެ ކަމަށް ކަރަންޓް ކުންފުނި ސްޓްލެކޯ އިން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ ބިލް ނުދައްކައިގެން ޓީވީއެމް ހިންގާ އިމާރާތުން ފެނާއި ކަރަންޓް ކަނޑާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. ބައެއް ސިޔާސީ ބޭފުޅުން ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކޮށްފައެވެ.

ޓީވީގެ ބައެއް މުވައްޒިފުންނާއި ހަވާލާދީ ބައެއް ރިޕޯޓްތަކުގައި އެކަން ވަނީ ޔަގީންކޮށްދީފައެވެ.

ނަމަވެސް ކަރަންޓް ކުންފުނިން މިރޭ ބުނީ ކަރަންޓު ބިލް ނުދައްކައިގެން އެ ކުންފުނިން ޓީވީއެމްއިން ކަރަންޓު ކަނޑާލާފައި ނުވާނެ ކަމަށެވެ.

"މިކުންފުނީގެ ހިދުމަތަކާއި ގުޅޭ މިފަދަ ހަބަރުތައް ލިޔުއްވާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް މިކުންފުނީގެ ބަހެއް ހޯދުމަށް އިލްތިމާސް ކުރަން،" މީޑިއާ ރިޕޯޓްތަކާއި ގުޅިގެން ސްޓްލެކޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.