ސްޓެލްކޯ

ފަލަސްތީނަށް އެހީގެ ގޮތުގައި ސްޓެލްކޯ އިން ބައިމިލިއަން ރުފިޔާ

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަށް ސްޓެލްކޯގެ ފަރާތުން ބައި މިލިއަން -- ފަސްލައްކަ ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ ހަދިޔާ ކުރި ފައިސާއަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ހަދިޔާކޮށްފައިވާ ފައިސާ ކަމަށެވެ.

މީގެއިތުރުން ސްޓެލްކޯގެ އިސްވެރިންނާއި މުވައްޒަފުން ސްޓެލްކޯގެ ހެޑް އޮފީސް ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް އެކި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުންޏެވެ.

"ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ތިބޭނީ ފަލަސްތީން ރައްޔިތުންނާ އެކު،“ ސްޓެލްކޯ އިން ބުންޏެވެ.

ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ކުރިއަށްދާނީ މިރޭ 12:00 ޖެހުމާ ހައަށެވެ.

ފަލަސްތީނަށް އެހީވުމަށް މިއަދު މާލެ ސަރަހައްދުގައި 13 ފަންޑު ފޮށްޓެއްވެސް ޕީއެސްމް އިން ބެހެއްޓި އެވެ. ފަލަސްތީނަށް އެހީވުމަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.