ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ޓެލެތޯން ރޭ ނިންމާލިއިރު 14.8 މިލިއަން ރުފިޔާ ލިބިއްޖެ އެެވެ.
ޓެލެތޯނަށް ލިބުނު ޖުމްލަ ފައިސާގެ ތެރޭގައި ޓެލެތޯނާ ގުޅިގެން ބެހެއްޓި ފަންޑު ފޮށިތަކަށް ލިބުނު 723،948 ދިވެހި ރުފިޔާއާއި 1،343 އެމެރިކާ ޑޮލަރާއި 81 ޔޫރޯވެސް ހިމެނެ އެވެ.
މީގެ އިތުރުން ފަލަސްތީނަށް އެހީވުމަށް އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް ހުޅުވާފައިވާ އެކައުޓްތަކަށް 6.8 މިލިއަން ދިވެހި ރުފިޔާ އަދި 33،950 އެމެރިކާ ޑޮލަރުވެސް ލިބިފައިވާ ކަމަށެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯން ރޭގެ 12 ޖެހިއިރު ނިންމާލާފައިވީ ނަމަވެސް މިއަދު ހަވީރު 6:00 ޖެހުމާ ހަމައަށް ފަލަސްތީނަށް އެހީވުމަށް ފައިސާ ޖަމާކުރަން ހުޅުވާފައިވާ ދެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޒީނާ ވިދާޅުވީ އިއްޔެ ގިނަ ބަޔަކު އެއް ފަހަރާ އެއް އެކައުންޓަކަށް ފައިސާ ޖަމާކުރަން އުޅުމުގެ ސަބަބުން ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން ބައެއް މީހުންނަށް ފައިސާ ޖަމާކުރަން ދަތިތަކެއް ދިމާވުމުން ވަގުތު އިތުރުކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
ފަލަސްތީނަށް އެހީވުމަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.
މި ޓެލެތޯން ކުރިއަށް ގެންދިޔައީ މިކަމުގައި ބައިވެރިވާން ބޭނުންވާ ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދީގެންނެވެ.