ދިރާގު

ދިރާގުން ފަލަސްތީނު ފަންޑަށް ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަށް ދިރާގުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް "ފަލަސްތީނާ އެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓެލެތޯނަށް ދިރާގުން ހަދިޔާކުރި ތިން ލައްކަ ރުފިޔާއާ ޕީއެސްއެމްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން އެވެ.

ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 އަށެވެ.

ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވެސް ވަނީ ބަހައްޓާފަ އެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.