ޕީއެސްއެމް

ޕީއެސްއެމްގެ ކަރަންޓް ބިލް ދައްކަން ދިން ހަތަރު މިލިއަން "ގެއްލިއްޖެ"

Oct 24, 2022

ޕީއެސްއެމްގެ ކަރަންޓް ބިލް ދެއްކުމަށް ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދޫކުރި 12 މިލިއަން ރުފިޔާގެ ތެރެއިން ހަތަރު މިލިއަން ރުފިޔާ "ގެއްލިއްޖެ" އެވެ.

ސްޓެލްކޯ އިން ޕީއެސްއެމްއަށް ދީފައިވާ ކަރަންޓުގެ ހިދުމަތަށް ޕީއެސްއެމް އިން 80 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ސްޓެލްކޯ އަށް ދައްކަންޖެހިފައިވެ އެވެ.

ކަރަންޓް ބިލް ނުދައްކާ މައްސަލަ ބޮޑުވެ, ރައްޔިތުންގެ ޓީވީ ނިވި, ރައްޔިތުންގެ އަޑު ކެނޑޭ މަންޒަރު މިހާރު ފެންނަން ފަށާފައިވާތީ އެކަން ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީން ޕީއެސްއެމްއަށް 12 މިލިއަން ރުފިޔާ ހަމަޖައްސައިދިނެވެ. އެކަމަކު "އަވަސް" އަށް ޔަގީން ކުރެވިފައިވާ ގޮތުން ޕީއެސްއެމް އިން ސްޓެލްކޯ އަށް މިހާތަނަށް ދެއްކީ އަށް މިލިޔަން ރުފިޔާ އެވެ.

ބާކީ ހަތަރު މިލިއަން ރުފިޔާ ދެއްކުމަށް ސްޓެލްކޯ އިން ޕީއެސްއެމް އަށް އަންގާފައިވީ ނަމަވެސް ޕީއެސްއެމް އިން މިހާތަނަށް އެ ފައިސާއަށް ހެދި ގޮތެއް ސާފުވެފައެއް ނުވެ އެވެ. އަދި މި މައްސަލާގައި "އަވަސް" އިން ޕީއެސްއެމްގެ ކަމާ ގުޅޭ ބޭފުޅުންނާ ސުވާލު ކުރުމުންވެސް އެ ފައިސާ އަށް ހެދި ގޮތެއް ސާފުކޮށްދެއްވާފައެއް ނުވެ އެވެ. ޕީއެސްއެމް އިން ކަރަންޓް ބިލް ނުދައްކާ މައްސަލާގައި ސީރިއަސް ކަމެއް ނެތް ކަން އެ ކުންފުނީގެ ވެރިންގެ ޖަވާބުތަކުން ހާމަވެ އެވެ.

ޕީއެސްއެމްގެ ތަރުޖަމާން ޒީކް މުހައްމަދު ރިޒާ އަވަސް އަށް ވިދާޅުވީ ޕީއެސްއެމްގެ ކަރަންޓް ބިލްތަކަށް މަހުން މަހަށް އެއްވެސް އިރަކު ފައިސާ ނުދައްކާ ކަމަށާއި ބިލްތަކަށް ފައިސާ ދައްކަނީ ގަނޑުކޮށް ކަމަށެވެ.

"އެގޮތުން މިހާރު ނުދައްކާ ހުރި ކަރަންޓް ބިލްތަކަކީ ކުރީގެ މެނޭޖްމަންޓުން ފެށިގެން ނުދެއްކި އިތުރުވަމުން އައިސްފައިވާ ބިލްތަކެއް،" އޭނާ ވިދާޅުވި އެވެ.

ޒީކް ވިދާޅުވި ގޮތުގައި ބިލްތަކަށް ފައިސާ ދެއްކޭނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ސަރުކާރުން ޕީއެސްއެމް އަށް ދޭންޖެހޭ ފައިސާ ދިނުމުން ކަމަށާއި ދެވަނަ ގޮތަކީ ޕީއެސްއެމް އިން ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގަށް ސަރުކާރުން ޒިންމާވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓް ބިލް ދައްކަން ބަރޯސާވަނީ ސަރުކާރަށް

ޕީއެސްއެމްގެ ކަރަންޓް ބިލް ނުދައްކާ ގިނަ ދުވަސްތަކެއް ފާއިތުވުމާ ގުޅިގެން އެ ކުންފުނިން ސްޓެލްކޯ އަށް ދަރާފައިވާ އަދަދު ވަނީ 80 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފަ އެވެ. ޕީއެސްއެމް އިން ބިލްތައް ފައިސާ ދެއްކުމަށް ހާއްސަ އުސޫލަކުން މަސައްކަތް ކުރަމުންދާ ކަމަކަށް ސްޓެލްކޯގެ ލިޔެކިޔުންތަކަކުން ނުފެނެ އެވެ. އެހެންކަމުން ރައްޔިތުންގެ ޓީވީ ނިވި, އަޑާއި މަންޒަރު ކެނޑުމުގެ ފުރުސަތު އެބައޮތެވެ.

ބިލްތަކާއި ގުޅޭ ގޮތުން ޕީއެސްއެމްއާ ސުވާލު ކުރުމުން އެ ކުންފުނިން ދިން ޖަވާބުތަކަށް ބަލާއިރު އަދި ވެސް ބިލްތައް ދެއްކުމުގެ ވިސްނުން ނެތް ކަން ހާމަވެ އެވެ.

ކުންފުނިން ބަރޯސާ ވަނީ ސަރުކާރަށެވެ. އެގޮތުން މިހާރު އެ ކުންފުނިން ބުނަނީ ކަރަންޓް ބިލްތައް ދައްކަން ސަރުކާރުން ފައިސާ ދޭންޖެހޭ ކަމަށެވެ. އެކަމަކު ކަރަންޓް ބިލްތަކުގެ މައްސަލަ ހައްލު ކުރުމަށް އޮކްޓޫބަރު މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ޕީއެސްއެމްއަށް 12 މިލިޔަން ރުފިޔާ ދީފައިވާ ކަން އަވަސް އަށް ލިބިފައިވާ ލިޔުންތަކުން އެނގެ އެވެ. މިފައިސާގެ ތެރެއިން އަށް މިލިއަން ދެއްކުމަށްފަހު ބާކީ ހަތަރު މިލިއަނަށް ހެދި ގޮތެއް ޕީއެސްއެމް އަކުން އަދި ނުބުނެ އެވެ.