ކްރިމިނަލް ކޯޓް

ރޫމީ ދޫކޮށްލައިފި، ތަހުގީގު ކުރިއަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް ދޫކޮށްލައިފި އެވެ. އެ ދެ މީހުން ދޫކޮށްލީ ކޯޓުންނެވެ.

ރޫމީ އާއި އޭނާގެ ފިރިމީހާ ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ ދެމަފިރިން ދިރިއުޅޭ ހ. ބްލޫ ބްރިޖް އިންނެވެ. އެގެއިން އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ އެކު ކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފައެވެ.

އަދި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށާ އެ ތަކެތި ވިއްކާ ކަމުގެ ތުހުމަތުވެސް ކުރެއެވެ. ރޫމީ އާއި އޭނާގެ ފިރިމީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ފުލުހުން ބުނަނީ އެއީ ދޫކޮށްލައިފިނަމަ ނުރައްކާ އޮތުމުން ކަމަށް ބުނެ އެވެ.

ކޯޓުން އެންމެ ފުރަތަމަ އެ ދެ މީހުންގެ ބަންދަށް ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިތުރު ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އަވަސްއަށް ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ތިންވަނަ ފަހަރަށް މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ އެ މީހުން ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ. ރޫމީ އާއި އޭނާގެ ފިރިމީހާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ބަންދުން ވީލުނު ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

ކޯޓްގައި ހިނގި ބަންދުގެ މަޖިލީސްގައި ރޫމީ ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ގޭ ބަންދަށް ދަރީން ކައިރިއަށް ބަދަލުކޮށް ދިނުމަށް އެދިފައެވެ.

ޓިކްޓިކް ކުޅެގެން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ރޫމީއަށް 25،000 އަށްވުރެ ގިނަ މީހުން ޓިކްޓޮކުން ފޮލޯ ކުރެ އެވެ.