ދުނިޔެ

ޔުކްރޭނަށް އީޔޫ މެމްބަރަކަށް ވެވޭނީ 15-20 އަހަރު ފަހުން

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމަށް ޔުކްރޭން ކިތަންމެ ބެނުންވި ނަމަވެސް އެކަމަށް 15 ނުވަތަ 20 އަހަރު ވެސް ނަގާފާނެ ކަމަށް ފްރާންސުން ޔޫރަޕަށް ހަމަޖައްސާފައި ހުންނަވާ މިނިސްޓަރު ކްލެމަން ބޯނޭ ވިދާޅުވެއްޖެ އެވެ.

ކްލެމަން ބޯނޭގެ މިހެން ވިދާޅުވީ ޔުކްރޭންގެ ރައީސް ވޮލޮދިމީއާ ޒެލެންސްކީގެ ބަސްމަގު ގެންގުޅުއްވާ ގޮތުންނެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ދިނުން އަވަސް ކުރަން ޖެހޭ ކަމަށާއި މާދަމާއަށް ލަސް ކުރުމަކީ ވެސް އޮތް ނުރައްކަލެއް ކަމަށެވެ.

ފްރާންސްގެ ވަޒީރު ވިދާޅުވި ގޮތުގައި އެއްވެސް ބޭފުޅަކު އިތުރުފުޅު ހައްދަވާނެ ކަމެއް ނެތެވެ. ކުރިއަށް އޮތް ހަމަސް ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔުކްރޭނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ލިބޭނެ ކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވެއްޖެ ނަމަ، އެ ހެއްދެވީ އިތުރުފުޅެކެވެ.

އޭނާ ވިދާޅުވީ އެއްވެސް ގައުމެއް ޔޫރަޕިއަން ޔޫނިއަނަށް ވެއްދުން އެ ވިދާޅުވާހާ އަވަސް ނުވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެކަމަށް ވިސްނުންތަކަކާއި ގަވާއިދުތަކެއް ބޭނުންވާ ކަމަށާއި މެމްބަރުންގެ މެދުގައި ސައްލާ ކުރަން ވެސް ޖެހިވަޑައި ގަންނަވާ ކަމަށެވެ.

ރަޝިއާ ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޔުކްރޭންގެ އުމްރާނީ ތަރައްގިއަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ. ޔުކްރޭންގެ މުޅި އިގުތިސޯދު ފުނޑި އަލުން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެ ކަމަށް މިހާރު ވެސް އޮތީ އަންދާޒާ ކުރެވިފަ އެވެ.

ޔުކްރޭނުން ބުނާ ގޮތުން ރަޝިއާގެ މުށުތެރެއިން ސަލާމަތް ވެވެން އޮތީ އީޔޫ މެމްބަރަކަށް ވެގެންނެވެ. ޔުކްރޭނަށް އޮތް އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.