ޑރ. ހުސައިން ރަޝީދު ހަސަން

ދެކުނުގައި މަސް ފެކްޓަރީ ހެދުމުގެ ޕްލޭނެއް އެބައޮތް: ހުސައިން

May 23, 2022

ގއ. ކޫއްޑޫގައި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ދެކުނުގެ ހަތަރު އަތޮޅުގެ ތެރެއިން ރަށެއްގައި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް ހެދުމުގެ ޕްލޭނެއް އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހުސައިން މިހެން ވިދާޅުވީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހަދަމުންދާ ކޯލްޑް ސްޓޯރޭޖާއި ބްރައިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބަކާއި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން މަސް ބާނަނީ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ މަސްވެރިން ކަމަށްވާތީ އެ ސަރަހައްދުގައި ތާޒާކޮށް މަސް ގަނެ ރައްކާކުރެވޭނެ ކެޕޭސިޓީ ގާއިމުކުރުން މުހިއްމު ކަމަށެވެ. އެކަމަކު މިހާތަނަށް ދެކުނުގައި މަސް ޕްރޮސެސް ކުރާނެ ފެކްޓަރީއެއް ނެތުމުން އެކަން ކޮށްދޭނެ އިންވެސްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ ދެކުނުގައި މަސް ޕްރޮސެސް ކުރާ ފެކްޓަރީއަށް ޕްރޮޕޯސަލްތަކެއް ލިބުމުން އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރި ގޮތެއް ބަލައި އަދި މަސް ލިބޭ އަދަދަށް ވެސް ބެލުމަށްފަހު އެންމެ ރަނގަޅު ރަށެއްގައި މަސް ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިވަގުތު ދެކުނުގައި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް ނެތް ނަމަވެސް އަމިއްލަ ފަރާތަކުން ހިންގާ ކަޓްސްބިޝީ ފެކްޓަރީއެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކޫއްޑޫގައި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް އެޅުމަށް ސަރުކާރުން ޕްރޮޖެކްޓެއް ރާވާ މިވަގުތު ތަންފީޒު ކުރަމުން ނުދާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ ދެކުނުގެ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ މަސް ގަތުމަށް ދަތިވަނީ ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީގައި އެ ހުރިހާ މަހެއް ގަނެ ރައްކާކުރެވޭނެ ގޮތް ނެތުމުން ކަމަށެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނީ ކޫއްޑޫގެ ބްރައިން ކެޕޭސިޓީ އިތުރުކޮށްގެން ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޫއްޑޫގެ ކޯލް ސްޓޯރޭޖުގެ ކެޕޭސިޓީ 4،000 ޓަނަށް ބޮޑުކޮށް، ކޫއްޑޫގެ ބަނދަރު ބޮޑުކުރުމާއި، ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއު ނިމުމުން މަސްވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ނިމުމުން ބަނދަރުގައި އެއް ފަހަރާ ހަ ދޯންޏަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެހޭނެ ކަމުގައި ވިދާޅުވި އެވެ. ކޫއްޑޫގައި މިހާރު އެއް ފަހަރާ މަސް ކިރަނީ ތިން ދޯނިންނެވެ.

ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތައް ނިންމާލުމުން މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަށް ކުރަމުންދާ މަސައްކަތަށް ދާއިމީ ހައްލުތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ. ކުރުމުއްދަތުގެ ހައްލުތަކަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ މިއަހަރު ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅުވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކަމަށެވެ. ވަކިން ހާއްސަކޮށް މިއަހަރުގެ އޮކްޓޫބަރުން މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަން މިއަހަރު އެންމެ ރަނގަޅު ދުވަސްވަރު 800 އާއި 1،000 ޓަނުގެ މަސް ދުވާލަކު ކިރުމަށް މަސްވެރިން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ކޫއްޑޫގައި ހުރީ ދުވާލަކު 240 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ކަމަށާއި މިފްކޯގެ ކަލަމިންޖާ ބޯޓު ބޭނުންކޮށްގެން ވެސް ޖުމްލަ 400 ޓަނަށް ވުރެ އިތުރަށް މަސް ގަނެވޭނީ ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކޮށްގެން ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އިތުރަށް ގާއިމުކުރަންޖެހޭ 400 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ގާއިމުކުރުމަށް އިތުރަށް ދެ ތިން ބޯޓް ހޯދަން ޖެހޭ ކަމަށެވެ.

"މާކެޓްގައި ހުރި ބޯޓުތަކަށް ބަލާއިރު ބޭނުންވާ ކެޕޭސިޓީ ހަމަކުރުމަށް މަދުވެގެން ދެ ބޯޓު، ތިން ބޯޓު ވަރު ބޭނުންވާނެ،"

ޑރ. ހުސައިން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ބާނާ މަސް ތާޒާކޮށް ގަނެ، ފިނިކޮށްގެންނާއި ޕްރޮސެސް ކޮށްގެން މަސްވެރިންނަށް އެންމެ މަތީ އަގު ހޯދައިދިނުން ކަމަށެވެ. އެކަން ކުރެވޭނީ ކަނޑުފެން އައިސް އަށް ބަދަލުކުރާ ރެފިޖިރޭޓް ސީވޯޓާ ސިސްޓަމް މަސް ދޯނިތަކުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން މިފަދަ ބައެއް އުޅަނދުތަކާއި ވިއްކާ ފަރާތްތައް ވަނީ ދެނެގަނެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.