މޯލްޑިވްސް ނޭޝަނަލް ޕާޓީ

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޭންނުޖެހޭ ގޮތް ހަދަން ހުށައަޅަނީ

ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމައިފި އެވެ. އެކަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ.

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުުވުން ފާޅުކޮށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބޭރުކޮށްލި ކޮށްލުމަށް އިޝާރާތް ކުރައްވާ ރިޔާޒު ވިދާޅުވީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން ފައިސާދޭހާ ދުވަހަކު އެކަން އެގޮތަށް ހިނގާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީ އިން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށައަޅުއްވާނެ ކަމަށެވެ. އެ ކަމުގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބިފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށެވެ. އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9.4 މިލިއަން އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.