ރައްޔިތުންގެ މަޖިލިސް

އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ މައްސަލަ ކޮމިޓީއަށް

Jun 15, 2022

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގަ އާއި ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަަބަބުން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

މިމަހުގެ ހަވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިމައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގު އެވެ.

މިމައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްވީ 58 މެމްބަރުންގެ ތާއީދާ އެކު އެވެ.

ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މައްސަލަ ދިރާސާކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެވެ.

މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގަ އާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގަ އާއ އަދި ޕާޓީން މެންބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލުކުރަމުންދާ ކަމަށެވެ. އެގޮތަށް އަމަލުކުރުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން ރައްޔިތުންނަށް ލިބިދީފައިވާ "ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު"ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި އަދި އެ ފަރާތްތަކުގެ އިހްތިޔާރު ނަގާލެވޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެ ފަރާތްތަކުގެ ނަމުގައި ނުހައްގު މާލީ މަންފާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގައި ބުނެފައިވަނީ މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ޕާޓީ ބަދަލުކުރުން ތަކުރާރުކޮށް ހިނގަމުންދާތީ އެކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހެން ބޭނުން ނުވާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ ޝަކުވާތައް އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅަމެވެ." މައްސަލައިގައި ބުނެފައިވެ އެވެ.

މިމައްސަލައިގެ ބަހުސްގައި މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ބައެއް މީހުންނަށް ނޭނގި އެމީހުންގެ ނަން ޕާޓީތަކުގައި ހިމަނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތް ގޮތުން މެންބަރުންގެ އަދަދަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ޕާޓީ ތަކަށް ފައިސާ ދޫކުރާތީ މެންބަރުންގެ އަދަދު އިތުރުކުރުމަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކޮށްގެން އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ނަތީޖާއަށް ބަލައިގެން ފައިސާ ދޫކުރާ އުސޫލެއް ހަމަޖައްސަންޖެހޭ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އާންމު ބައެއް ރައްޔިތުންނަށް ނޭނގި ސިޔާސީ ޕާޓީ ތަކަށް ވެއްދުމާއި ވަކިކުރުމަކީ އާންމުންނާއި ސިޔާސީ ޕާޓީ ތަކުން ވެސް ކަންބޮޑުވާ މައްސަލަ އެކެވެ. އަދި އެއީ ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލަައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވެސް ގަބޫލުކުރައްވަ އެވެ.