ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަަމަށް ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ކާމިޔާބީގެ ނިސްބަތަކަށް ބަލާ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށައެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބައެއް ސިޔާސީ ޕާޓީތަކާއި އާންމުން ދެކެއެވެ.
އެކަމާއި ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވީ ދިވެހި ދައުލަތް ހިންގަމުން ދަނީ މަތިމައްޗަށް ދަރަނި ނަގައިގެން ކަމަށެވެ. އެފަދަ ހާލަތެއްގައި ގައުމު އޮތްއިރު އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭން ނުޖެހޭ ކަމަށެވެ.
އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ކާމިޔާބީގެ ނިސްބަތަކަށް ބަލާ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށައެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ނިންމާފައެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.
ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބިފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށެވެ. އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9.4 މިލިއަން އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.