ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލް، ބާކައުންސިލަށް؛ ބަސްބުނަނީ ކިހާވަރެއް ވީމަ

ހައްގުތައް ދިފާއު ނުކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ބަންޑާރަ ނާއިބުގެ އޮފީހާއި ޕްރޮސެކިއުޓަރު ޖެނެރަލް އަދި ބާ ކައުންސިލަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލްގެ ފާޑުކިޔުން އެ މުއައްސަސާތަކަށް އަމާޒު ކުރައްވާފައި މިވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތްތަކެއް ކަމަށް ކަނޑައަޅާ އެ ހަރަކާތްތައް ހުއްޓުވަން ފުލުހުންނާއި ސިފައިންގެ މައްޗަށް ރައީސް ސޯލިހް އަންގަވާފައިވަނިކޮށެވެ. "އިންޑިއާ އައުޓް" ކެމްޕެއިންގައި ހިމެނޭ ކޮންމެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތްތަކެއް ކަނޑައަޅާ އެކަމުގެ ގަރާރު ރައީސް ސޯލިހް ވަނީ ނެރުއްވާފައެވެ.

އެ އާއެކު ފުލުހުންނާއި ސިފައިން ގެންދަނީ މަގުމަތީ ހަރަކާތްތައް ހުއްޓުވަމުންނެވެ. ގޭގައި ހަރުކުރާ ބެނާތަކާއި ލިޔުންތައް ނަގަމުންނެވެ. އަދި މަގުތަކާއި ފާރުގައި ކުރަހާ ޝިއާރުތަކާއި ލިޔުންތައް ފުހޮމުންނެވެ. ރައީސް ޔާމީންގެ ގެކޮޅުގައި ނެގި 40 ފޫޓްގެ ބެނާ ނެގި މައްސަލަ މިހާރު އޮތީ ކޯޓްގައެވެ.

ކުރީން އިސްގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި މަޝްހޫރު ވަކީލު ވިދާޅުވި ގޮތުގައި ހައްގުތައް ބޮލަށް ނަންގަވައިގެން އުޅުއްވި އެޓާނީ ނެރެލަލް އާއި ޕްރޮސެކިއުޓަރު ޖެނެރަލް މިއަދު ފެންނަނީ ގާނޫނުއަސާސީގެ މާއްދާތަކަށްއަށް އަރައިގަނެގެން އުޅުއްވާ ތަނެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ފާޅުކަންބޮޑުކޮށް ގާނޫނުއަސާސީ މުގުރާލާ ހައްގުތަކަށް އަރައިގަންނައިރު ބާ ކައުންސިލް ހިމޭނުން އޮތުމުން ސުވާލު އުފެއްދެވިއެވެ.

"ބަސްބުނަނީ ކިހާވަރެއް ވީމަތޯ. އެހެން ގައުމުތަކުގައި ކަން އޮންނަ ގޮތް ބަލާލިންތޯ. ހައްގުތައް ދިފާއު ނުކުރުމަކީ ލަދު ގަންނަންޖެހޭ ކަމެއް،" ބާ ކައުންސިލްގެ މެންބަރުން ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލްވުމުގެ ފޮޓޯއަކާއެކު ޖަމީލް ކުރެއްވި ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.