ލައިފްސްޓައިލް

ސަލާންޖަހާ މީހަކު އަންހެނުންނަށް ދިން ހަދިޔާ

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ޗިންޑްވާރާ ޑިސްޓްރިކްޓްގައި އުޅޭ ސަލާން ޖަހާ މީހަކު އެތައް އަހަރަކުއްސުރެ ފައިސާ އެއްކޮށްގެން އޭނާގެ އަންހެނުންނަށް ރަނގަޅު ހަދިޔާއެއް ގަނެދީފި އެވެ. ސަންތޯޝް ސާހޫ ނަމަކަށް ކިޔާ މި މީހާ އަކީ ޚާއްސަ އެހިއަށް ބޭނުންވާ މީހެކެވެ. އެހެންވެ އެއްވެސް މަސައްކަތެއް ނުކުރެވޭތީ ދިރިއުޅެނީ ސަލާންޖަހައިގެން ލިބޭ އެއްޗަކުންނެވެ. އެގޮތުން ލިބޭ ފައިސާގެ ބައެއް ރައްކާ ކުރަމުން ގޮސް ދާދިފަހުން އޭނާ ވަނީ އަންހެނުންނަށް 90،000 ރުޕީސް އަށް ދޭ މޯޕެޑް (ތިން ފުރޮޅުލީ ސައިކަލެއް) ގަނެދީފި އެވެ.

ސަންތޯޝްގެ ހުރި ބައްޔަކުން އޭނާގެ ފައި އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެ އެވެ. އެހެންވެ އޭނާ އެއްތަނުން އަނެއް ތަނަށް ދިއުމަށް ބޭނުންކުރަމުން ދިޔަ ތިންފުރޮޅީ ބައިސްކަލު އަމިއްލައަކަށް ނުދުއްވެ އެވެ. ސަންތޯޝްގެ އަންހެނުން މުންނީ އަށް ޖެހެނީ ފިރިމީހާ ބައިސްކަލުގައި ބައިންދައިގެން އެ ކޮއްޕަމުން ގެންދާށެވެ.

މި ދެމަފިރިން ސަލާން ޖަހަން ތަންތަނަށް ދަނީ މިގޮތަށެވެ. ނަމަވެސް މަގުތައް ހަލާކުވެފައި ހުރުމާއި މޫސުން ގޯސް ވުމުން މިގޮތަށް މި ތިންފުރޮޅީ ބައިސްކަލަށް ސަންތޯޝް ލައިގެން އެ ކޮއްޕުމަކީ މުންނީ އަށް ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. އަދި މިކަމުގެ ސަބަބުން މުންނީގެ ސިއްހަތު ގޯސްވެ އޭނާ ވަރަށް ބޮޑަށް ބަލިވާން ފެށި އެވެ.

ލޯބިވާ އަންހެނުންގެ ތަކުލީފުތައް ކޮންމެ ދުވަހަކު ފެންނާތީ އެކަމާ ދެރަވެގެން އަންހެނުންނަށް ތިން ފުރޮޅުލީ ބާ ސައިކަލެއް ގަންދޭން ސަންތޯޝް ގަސްތުކުރި އެވެ. ނަމަވެސް ދުވާލަކު ސަލާން ޖަހައިގެން ލިބޭ 300-400 ރުޕީސް އިން ފައިސާ ބާކީކޮށްގެން ސައިކަލެއް ގަތުމަކީ ސަންތޯޝް އަށް ވަރަށް އުނދަގޫވި ކަމެކެވެ. ނަމަވެސް އެއް އިރު ނުކައި ތިބެ ކަހަލަ ގޮތަކަށް ހަތަރު އަހަރުގެ މަސައްކަތުން އެންމެފަހުން ވަނީ ސައިކަލެއް ގަނެވޭ ވަރަށް ފައިސާ އެއްކޮށް ސައިކަލެއް ގަނެފަ އެވެ.

މިހާރު ދެމަފިރިން ސަލާން ޖަހަން ދަނީ މި ތިން ފުރޮޅުލީ ސައިކަލުގަ އެވެ. މުންނީ އަށް މިހާރު ފިރިމީހާގެ ބައިސްކަލް ކޮއްޕާދޭކަށް ނުޖެހެ އެވެ. ފަހަތުގައި ހަމަޖެހިލައިގެން އިށީނދެ އިނދެވޭތީ އެވެ.