ޑރ. މުހައްމަދު މުއިއްޒު

"ހިދުމަތްތައް މޮނޮޕޮލައިޒް ކުރުމަކީ ހައްގު މިންވަރެއް ނޫން"

May 24, 2022

އަސާސީ ހިދުމަތްތައް "މޮނޮޕޮއިލްޒް" ވެފައި އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން މިއަދު ކަރަންޓްގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ސްޓެލްކޯ އަށް އަމާޒުވި ވަގުތު ކުރެއްވި ޓްވީޓެއްގަ އެވެ.

ގްރޭޓާ މާލެ ރީޖަންގައި ހިމެނޭ -- މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށްޓަށް ކަރަންޓްގެ ހިދުމަތް ދެނީ ސްޓެލްކޯ އިންނެވެ.

ލާމަރުކަޒީ ގާނޫނުގެ 10 ވަނަ ބާބު -- "އާންމު ހިދުމަތްތައް" ބަޔާންކޮށްފައިވާ މާއްދާތައް ފެންނަ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓުގައި މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ "މޮނޮޕޮލައިޒް" ކުރެވޭ ގޮތަށް އަސާސީ ހިދުމަތް ދިނުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށެވެ. އަދި އެއީ އިންސާފެއްވެސް ނޫން ކަމުގައި ވިދާޅުވި އެވެ.

މާލޭގައި މީގެކުރިން ފެންބޮޑުވެ ފެން ހިދުން ލަސްވުމާ ގުޅިގެން މުއިއްޒު މީގެކުރިން ވަނީ އެމްޑަބްލިއުއެސްސީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީންނެވެ.

އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯ އިން މާލޭގެ ބައެއް މަގު ބަންދުކޮށްގެން ހިދުމަތް ދެމުންދާތީ އެ މަގުތައް ހުޅުވާލުމަށްވެސް މުއިއްޒު މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ދެ ކުންފުންޏަށް އަންގާފައިވެ އެވެ.