ސްރީލަންކާގެ ބޮޑު ތަދުން ރާއްޖެ އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ބިމު ކުލި ކުޑަކޮށް ދައުލަތައް 500 މިލިއަންހެއްހާ ރުފިޔާ ގެއްލޭ އިސްލާހެއް ގެންނަން ސަރުކާރުން މަސަކަތް ކުރަމުންދާ ވަގުތެއްގައި ކުރީގެ ރައީސް ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަވަށްޓެރި ސްރީލަންކާގެ އިގްތިސޯދީ ބޮޑުތަދު ކުރިމަތިވި ސަބަބުތަކުން ވަގުތު ފާއިތުވުމުގެ ކުރިން ރާއްޖެ އިބްރަތް ހާސިލް ކުރަން އިލްތިމާސް ކުރައްވާފަ އެވެ.
އެހެން ނޫންނަމަ ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނުކުނަން ޖެހިދާނެ ހާލަތަކަށް ރާއްޖެ ވެސް ވެއްޓިގެން ހިނގައިދާނެ ކަމަށް ޑރ. ވަހީދު ވިދާޅުވެފައިވެ އެވެ.
ތަޖުރިބާކާރު ޑިޕްލޮމޭޓް ޑރ. ވަހީދު ވަނީ ސަރުކާރާއި މަރުކަޒީ ބޭންކް އެމްއެމްއޭއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ސްރީލަންކާގެ އިގްތިސޯދު ވެސް ހީނަރުވާން ދިމާވި ސަބަބުތައް ރާއްޖޭގެ އިގްތިސޯދުން ވެސް ފެންނަކަމުގެ އިންޒާރެއް ނުސީދާކޮށް ރައީސް ވަހީދު ވަނީ ދެއްވާފަ އެވެ.
އެގޮތުން ފައިސާ ޗާޕުކޮށް އިގްތިސޯދަށް ނެރުމާއި ދަރަނި ބޮޑުވުން އަދި ކުރިން ރޭވިފައި ނުވާ އުޖޫރަތައް -- މުސާރަ ބޮޑު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ނުވަތަ ބޭރުގެ އިންވެސްޓްމަންޓް ނާންނަ ކަމަށާ މީގެ ސަބަބުން ޑޮލަރުގެ ހީނަރުކަން ކުރިމަތިވެދާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އިގްތިސޯދީ ބޮޑުތަދުގެ ސަބަބުން ލަންކާގެ ރައްޔިތުން ދަނީ ބޮޑު ވޭނެއް ތަހައްމަލް ކުރަމުންނެވެ. އެ ގައުމުގެ ހަޒާނާގައި ހުރި ބޭރު ފައިސާ އެއްކޮށް ހުސްވެ އެންމެ އަސާސީ މުދާ ގަންނާނެ ފައިސާއެއް ވެސް މިހާރަކު ނެތެވެ. ހާއްސަކޮށް ތެލާއި ގޭސް، ކާބޯތަކެތި އަދި ބޭސް ނުލިބުމުގެ މައްސަލަ ތަކެއް ލަންކާ ރައްޔިތުން ދަނީ ތަހައްމަލް ކުރަމުންނެވެ. މިކަމުގެ ސަބަބުން ލަންކާގައި ރައްޔިތުންގެ ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ. މި ހާލަތަށް އެ ގައުމު ވެއްޓުނީ ޓެކްސް ކުޑަކޮށް ދައުލަތުގެ އާމްދަނީ ހީނަރުވުމާއެކު ދަރަނި މަތިވެ އަދި ކޮވިޑުގެ ހާލަތާއެކު އިގްތިސޯދު މެނޭޖު ނުކުރެވުން ފަދަ މައްސަލަތަކުގެ ސަބަބުންނެވެ.