ދިވެހި މީޑިއާ

ރާއްޖޭގައި ނޫސްވެރިންނަށް ބިރު ދައްކާތީ އައިއެފްޖޭ ކަންބޮޑުވެއްޖެ

May 24, 2022

ރާއްޖޭގައި އިންޑިއާ އައުޓް ހަރަކާތް ކަވަރުކުރާ ނޫސްވެރިންނަށް ބިރު ދައްކާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޖަމިއްޔާ -- އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައިއެފްޖޭ އިން މިހެން ބުނެފައި މިވަނީ އިންޑިއާ އައުޓް ހަރަކާތް ކަވަރުކުރި ނޫސްވެރިންތަކަކަށް ފުލުހުން ބިރު ދައްކާ، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ ބައެއް މީޑިއާތަކުން އެ ހަބަރުތައް ކަވަރުކޮށްފައި ވަނިކޮށެވެ.

އައިއެފްޖޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މީޑިއާގެ ހައްގުތަކަށް އަރައިގެން ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް ލިބުނީ ދެ މައްސަލަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މީޑިއާ ދެކޮޅަށް ހިންގާ ކަންކަމަށް އަދަބު ނުދެވޭކަން ފާހަގަކުރެވޭ ކަމަށެވެ.

މީޑިއާތަކާއި ނޫސްވެރިންނަށް ބިރެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އިންޑިއާ އައުޓް ހަރަކާތް ކަވަރުކުރާ ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލުނުކުރުމަށް ރާއްޖޭގެ މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް މީގެކުރިން ވަނީ ގޮވާލާފަ އެވެ.

އިދިކޮޅު ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ އެ ހަރަކާތް ހުއްޓުވުމަށް އަމުރުކުރައްވާ މިދިޔަ މަހުގެ 21 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

އެ ގަރާރާ ގުޅިގެން ފުލުހުން ގެންދަނީ އިންޑިއާ އައުޓް ގޮވުމަށް ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވަން ނިކުމެފަ އެވެ. އަދި ގޭގައި ހަރުކޮށްފައި ހުންނަ އިންޑިއާ އައުޓް ޖެހި ބެނާތަކާއި ޕޯސްޓަރުތައް ވެސް ފުލުހުން ދަނީ ނަގަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ހަރަކާތް ނުހުއްޓުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.