މީޑިއާތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ ވިލެޖު އަޅާނެ ބިން ހުޅުމާލެއިން ކަނޑައަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ޕީއެސްއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ.
މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ނޫސްވެރިންނާއެކު ބޭއްވި ގުންޒަރުގަ އެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.
މީޑިއާތަކުން ބޭނުންވާ ގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަ މެޖޯރިޓީއާއެކު ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.