އަހުމަދު ނަސީމް

ކޮވިޑުން އަރައިގަތުމަށް ނަމޫނާ މަސައްކަތެއް ކުރި: ނަސީމު

May 24, 2022
1

ކޮވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭން ކުރި މަސައްކަތް ދުނިޔޭގެ އެހެން ގައުމުތަކުން މިސާލަކަށް ބަލަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 75 ވަނަ އާންމު ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.

ކޮވިޑް 19 އިން އަރައިގަތުމަށްޓަކައި އަދިވެސް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރި ގޮތާއި ނަތީޖާ ނެރުނު ގޮތް ގައުމުތަކުން މިސާލެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑުން ރާއްޖެ އަރައިގަނެވުނ ކަމާ ގުޅޭ ތަޖުރިބާކާރުންނާއި، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. ކޮވިޑުން އަރައިގަނެވުނު ނަމަވެސް ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަނގުރާމައާއި ހަމަނުޖެހުންތައް ހިނގަމުންދާތީ އެކަމުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ނުރައްކާވުމުގެ ބިރު އެބައޮތް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމަނުޖެހުމާއި މޫސުމީ މައްސަލަތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ނައްތާލައި ކާނާގެ ޔަގީންކަން ހޯދުމަށް ކުރާ މަސައްކަތްތަކަށް ދަތިތައް ކުރިމަތިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ނަސީމު އިތުރަށް ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް މޫސުމީ ބޮޑެތި ގޮންޖެހުންތައް ހުރިއިރު މޫސުމީ މައްސަލަތަކުގެ އަސަރު އިންތިހާއަށް ރާއްޖެއަށް ކުރާނެ ކަމަށެވެ. އެހެންވެ ރައްކާތެރި މާހައުލެއް ހޯދައިދެވިގެން ނޫނީ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ގައުމުތަކުގެ ހެލްތު މިނިސްޓަރުން ތަގުރީރުކުރައްވާނީ "ހެލްތު ފޯ ޕީސް، ޕީސް ފޯ ހެލްތު" މައުލޫއަށެވެ.