އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމާ ގުޅިގެން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސޯދީ އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.
އައިޓީއެފްސީގެ މެންބަރު ގައުމަކަށް ރާއްޖެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީލިބުމާއި، އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުސަތުތައް ތަނަވަސްވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ވިޔަފާރީގެ ސިޔާސަތުތަކާ ބެހޭގޮތުންނާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބޭނެ އެވެ.
މީގެ އިތުރުން މެންބަރު ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ލެޓާ އޮފް ކްރެޑިޓް ފޯރުކޮށްދިނުމާއި އާންމު ރޭޓްތަކަށްވުރެ އަގުހެޔޮކޮށް މުދާ އިންޕޯޓްކުރަން މަގުފަހިވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް އާންމު އަގުތަކަށްވުރެ ހެޔޮ އަގުގައި ފައިސާ ހޯދަން ފަސޭހަވުން ހިމެނެ އެވެ.
އައިޓީއެފްސީގެ މެންބަރު ގައުމަކަށް ރާއްޖެ މިހާތަނަށް ވެފައި ނެތް ނަމަވެސް 2005 ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބެމުންދެ އެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައިއެސްޑީބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގަ އެވެ.
އޭގެ ފަހުން މިއަހަރާ ހަމައަށް 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިން އެހީ ރާއްޖެއަށް ލިބިފައިވެ އެވެ. އެންމެފަހުން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބިފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެސްޓީއޯއަށް ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީ އެކެވެ. އަދި މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބުނު ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ފާހަގަކުރެވެ އެވެ.