ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ ބާރުތައް ތަންފީޒުކުރުމުގެ ގަރާރެއް މަޖިލީހަށް

May 25, 2022

ލާމަރުކަޒީ ގާނޫނުގައި ލޯކަލް ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ބާރުތައް ފުރިހަމައަށް ލިބެމުން ނުދާތީ ގާނޫނުގައި ބުނާ ކަންކަން ތަންފީޒުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ޖަލްސާ އަށް މި ގަރާރު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް އެވެ.

މި ގަރާރުގެ ފުރަތަމަ ކިޔުން ވެސް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވާފަ އެވެ.

ޝިޔާމު ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ނެގުމަށް ހުރި ދަތިތަކާއި، ލޭންޑް ޔޫސް ޕްލޭންތައް ނުހެދި ކައުންސިލްތައް ހުއްޓިފައިވުމާއި، ކައުންސިލްތަކުގެ އޮނިގަނޑު އެލްޖީއޭ އިން ފާސްނުވެ ދިގުލައިގެން ދިއުމާއި އަދި އަތޮޅު / ސިޓީ ކައުންސިލަށް ދީފައިވާ ބާރުތައް ހަނިކޮށްފައިވާތީ ހިދުމަތް ދިނުމަށް ހުރި ދަތިތަކެވެ.

ގަރާރުގައި ބުނެފައިވަނީ ކައުންސިލްތަކަށް ދީފައިވާ ބާރުތައް ތަންފީޒު ނުކުރެވޭތީ ވަރަށް ގިނަ ހިދުމަތްތައް ހުއްޓިފައިވާ ކަމަށެވެ. އެހެންވެ ކައުންސިލްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.