ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ތައައްސުފީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމަށެވެ.
މިގޮތުން ދިވެހި ފަސްގަނޑުގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން އެހިޔާލު ފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބު ދޭން ފަށައިފިނަމަ، އެކަމުގެ ސަބަބުން ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހައްގުތައް ބޭނުން ކުރުމާއި ނުކުރުމުގެ އިހުތިޔާރު ދިވެހިންގެ އަތުން ބީވެ އެ ހައްގުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާ ވުމުގެ ބިރު އެބައޮތް ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ސިޔާމު ހުށަހެޅުއްވީ އިންޑިއާގައި ހުއްޓައި އިއްޔެގެ ވަގުތެއްގައި ޑީޕޯޓުކޮށްލަން ގެންގޮސްފައިވާ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދުގެ ހަބަރެއް ނުވެގެން އާއިލާ އިން އުޅޭ ވަގުތެއްގަ އެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުތަކާއި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެ އިންޑިއާއާ ދެކޮޅަށް އަޑު އުފުލާ ބޭފުޅެކެވެ. އަދި ބައެއް މުޒާހަރާތަކުގައި ފުލުހުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފަ އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލައިގެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ ބައެއް މީހުން ރާއްޖޭން ވަގުތުން ބޭރަށް ޑީޕޯޓްކޮށްލުމުގެ އުސޫލާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން އެއް ދުވަހަކު ދެ ކުއްލި މައްސަލައެއް ހުށަހަޅާފައިވާނަމަ ބަހުސް ކުރެވޭނީ އޭގެ ތެރެއިން ގުރުއަތުން ހޮވޭ އެއް މައްސަލައަކަށެވެ. އަދި މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ގުރުލައިގެން ހޮވުނީ ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައެވެ.