މޯލްޑިވްސް ނޭޝަނަލް ޕާޓީ

މިހާރު އޮތްގޮތުން ޕެންޝަނަށް ނަގާ ފައިސާއަކީ އިތުރު ޓެކްސްއެއް: އަސްރާ

ންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް އޮތް ހުރަހަކީ ބަޖެޓް ނެތުން ކަމަށް ބުނާ ވާހަކައަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށާ ފެންނަން ހުރި ހިސާބުތަކުން އެކަން ކުރެވޭނެ ކަން ސާފުވާ ކަަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން މިރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްރާ ވިދާޅުވީ އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދީ ރިޓަޔާވާ މީހާ އާއި އެތައް އަހަރެއް ވަންދެން ޖަލުގައި އޮވެ 65 އަހަރު ވާ މީހާ އާއި ޕެންޝަން ދިނުމުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ކަންކަމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާ ނަމަވެސް މިއީގަބޫލު ކުރެވޭނެ ފަދަ ހަމަހަމަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިއީ މިއީ އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ އިސްރަށްވެހިންނަށް ވެވޭ ބޭ އިންސާފެއް ކަމަށް އަސްރާ ވިދާޅުވިއެވެ.

"އެބޭފުޅުން ރިޓަޔާވެ ގޭގައި އަރާމްކުރަންވީ ވަގުތު އެބޭފުޅުންނަކީ ގައުމަށް އޮތް ލަޔަބިލިޓީއެއް ނުވަތަ ބަޖެޓަށް އޮތް ބުރައެއް ނުވަތަ ތަކްލީފެއް ކަމަށް ދެކިގެން ނުވާނެ. އެހެންކަމުން އަޅުގަނޑު މިކަމަށް ވާހަކަ ދައްކަން ނިންމީ އަޅުގަނޑެކޭ އެއްފަދަ ޒުވާނުންގެ މުސްތަގްބަލަށް ވިސްނާފަ ބިރުގަންނާތީ. އަދި މާދަމާވެސް ރިޓަޔާ ކުރަން ތިބި އެހެންވެސް ހިދުމަތްތެރިންގެ ހައްގުގައި،" އަސްރާ ވިދާޅުވިއެވެ.

އަސްރާ ވަނީ އެދޭވޭ ގޮތެއްގައި އިންސާފުވެރިކަމާ އެކީ ޕެންޝަން ނުދެވެނީ ބަޖެޓަށް ބުރަވާތީ ކަމަށް ޕެންޝަން އޮފީހުން ބުނާ ބުނުމަށް ފެންނަން ހުރި ހިސާބުތަކުން މިސާލު ދައްކަވާ ރައްދު ދެއްވާފައެވެ. ވިދާޅުވީ ޕެންޝަން އޮފީހުގެ 2021 ގެ އެނުއަލް ރިޕޯޓު ގައިވާ ގޮތުން މިވަގުތު 1500 ޕެންޝަނަރުން ތިބިއިރު ޕެންޝަނަރުންނަށް އަހަރަކަށް ޕެންޝަންގެ ގޮތުގައި ދެނީ ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ކަމަށެވެ. އަދި އަންދާޒާ ކުރެވޭ ގޮތުގައި މީގެ 30 އަހަރު ފަހުން ދެ ލައްކަ ޕެންޝަނަރުންނަށް މި ރޭޓުގައި 16 ބިލިއަން ރުފިޔާ އަހަރަކަށް ޕެންޝަންގެ ގޮތުގައި ދެވޭނެ ކަމަށެވެ.

"މިގޮތުން ޕެންޝަން އޮފީހުގެ އެނުއަލް ރިޕޯޓަށް ބަލައިލާ އިރު މިހާރުވެސް ދެ ލައްކަ މީހުންނަށް ޕެންޝަން ދެވޭނެ ވަރުގެ ޕެންޝަން ފަންޑް އެބަހުރި. މިކަން އެނގިގެންދަނީ ހިސާބު ހަދާލީމާ ކަލެކްޓިވް ފަންޑްސްގެ ގޮތުގަ 17 ބިލިއަން ރުފިޔާ ހުރީމަ. ނަމަވެސް އަދިވެސް ޕެންޝަން އޮފީހުން އަންގަނީ ފަންޑް ނެތީމައޭ އަޅުގަނޑުމެން މިއެދޭ ގޮތަށް އިންސާފުވެރިކަމާއެކު ޕެންޝަން ދެވެން ނެތީ. މިކަމުން ދޭހަވަނީ ދައްކާ ވާހަކަ އާއި ފެންނަން ހުރި ހިސާބުތަކާއި ދިމާ ނުވާކަން،" އަސްރާ ވިދާޅުވިއެވެ.

އަސްރާ ވިދާޅުވީ ޕެންޝަން އޮފީހަށް އެނުއަލް އިންކަމްގެ ގޮތުގައި 76,891,474 ރުފިޔާ ލިބިފައިވާ ކަމަށާ މީގެ ތެރެއިން އަހަރަކަށް 36 މިލިއަން ރުފިޔާ ބޭނުން ކޮށްފައިވަނީ ޕެންޝަން އޮފީހުގެ އިދާރީ މަސައްކަތްތަކާއި މުއައްޒަފުންގެ މުސާރައަށް އެކަނި ކަމަށެވެ. އަހަރީ ރިޕޯޓްގައި ޕެންޝަން އޮފީހުން ހިންގި ޓެލެންޓް މެނޭޖްމެންޓް ޕްރޮގްރާމެއްގައި 45 މުއައްޒަފުން އިންހައުސްކޮށް ބައިވެރިވި ކަމަށާ މި އަދަދަށް މުއައްޒަފުން މަސައްކަތްކުރާއިރު މަހަކަށް އެވަރެޖްކޮށް މުސާރާއިގެ ގޮތުގައި މުއައްޒަފަކަށް 42،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އޮފީސް ހިންގުމަށް އަހަރަކަށް ހަތް މިލިއަން ހަރަދު ކުރާ ކަމަށެވެ.

"އެހެން ކަމުން އުފެދޭ ސުވާލަކީ ޕެންޝަން އޮފީސް ހިންގަނީ ރައްޔިތުންނަށް ލާބަޔާ މަންފާއައްތޯ ނުވަތަ އެހެންކަމަށްތޯ," އަސްރާ ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ އަހަރީ އެސެޓް އެލޮކޭޝަނަށް ބަލައިލާއިރު ސަރުކާރުގެ ބިލާއި ބޮންޑު ގަތުމަށް 88.1 ޕަސެންޓް ޕެންޝަން ފަންޑުން ބޭނުން ކުރެވިފަވާ ކަމަށާ އެއީ ޓްރެޝަރީ ބިލްސްއަށް 63.2 ޕަސެންޓް އަދި ޓްރެޝަރީ ބޮންޑްގެ 24.9 ޕަސެންޓް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން 88.1 ޕަސެންޓް ތަޅުލެވިފައި ވަނީ ސަރުކާރުގެ ބިލާއި ބޮންޑު ގަތުމަށް ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން ސަރުކާރު މިއޮތީ ޕެންޝަން ފަންޑަށް ދަރާފައި. މިހާރު އޮތް ގޮތުންނަމަ ޕެންޝަނަށް މިނެގޭ ފައިސާއަކީ ރައްޔިތުންގެ އަތުން އިތުރަށް ނެގޭ ޓެކްސްއެއް،" އަސްރާ ވިދާޅުވިއެވެ.