ޑރ. މުހައްމަދު ޖަމީލް އަހުމަދު

ދަފްތަރު އެއްގޮތް ކުރަން އެދެނީ ޖަރީމާ ފޮރުވަން: ޖަމީލް

އިލެކްޝަންސް ކޮމިޝަންގައި އޮތް ސިޔާސީ ޕާޓީތަކުގެ ދަފްތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގައި ބޭނުން ކުރާ ދަފްތަރު އެކުލަވާލުމަށް އެ ކޮމިޝަނުން އެދުނު އެދުމަކީ ޖަރީމާ ފޮރުވަން ހިންގާ އަމަލެއް ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި އޮތް ސިޔާސީ ޕާޓީތަކުގެ ދަފްތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގައި ބޭނުން ކުރާ ދަފްތަރު އެކުލަވާލުމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެދިވަޑައިގަަތުމާއި ގުޅިގެންނެވެ. ޓީވީ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ފުއާދު ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގައި ބޭނުންކުރާ ދަފްރަތާއި އެ ކޮމިޝަންގައި އޮންނަ ދަފްތަރާ ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގައި އޮންނަ ޕާޓީތަކުގެ ދަފްތަރުގައި އެއް ޕާޓީއެއްގައި އޮންނަ މީހަކު އެހެން ޕާޓީތަކުގެ ޕްރައިމަރީގައިވެސް ވޯޓްލާ ކަމަށާ މިއީ އެ ޕާޓީތަކުގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް ފުއާދު ވިދާޅުވިއެވެ. އެކަމަށް އޮތް ހައްލަކީ އިލެކްޝަންސް ކޮމިޝަންގައި އޮތް ސިޔާސީ ޕާޓީތަކުގެ ދަފްތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގައި ބޭނުން ކުރާ ދަފްތަރު އެކުލަވާލުން ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޖަމީލް ވިދާޅުވީ މިއީ އިލެކްޝަން ކޮމިޝަނުން ގާނޫނީ ހައިސިއްޔަތެއް ލިބިގެން ކުރަން އުޅޭ ކަމެއް ނޫން ކަމަށެވެ. އެކަން ގާނޫނުން ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.

އަދި މިއީ ކޮމިޝަނުގެ އިހްމާލުން ނުވަތަ ބައިވެރިވުން އޮވެގެން ޕާޓީތަކުގެ މެމްބަރުން "ވަގަށް" ނަގާ އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ސައްހަ ކުރަން އުޅޭ އުޅުމެއްގެ ގޮތުގައި ޖަމީލް ވަނީ އެކަން ސިފަކުރައްވާފައެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ޖަރީމާ އެއް،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޕާޓީތަކުގެ ތެރޭގެ އިންތިހާބުތަކުގައި ބޭނުން ކުރަނީ އެ ޕާޓީތަކުގެގެ ސެކްރެޓޭރިއޭޓްގައި އޮންނަ މެންބާޝިޕް ލިސްޓެވެ. އެ ލިސްޓްގައި އިލެކްޝަންސް ކޮމިޝަންގައި އޮންނަ ރަސްމީ ދަފްތަރުގައި ނުހިމެނޭ އެތައް ސަތޭކަ ބަޔަކު ހިމެނެއެވެ. އެކަން އެންމެ ބޮޑީ ވެރިކަންކުރާ އެމްޑީޕީގައެވެ.

އެންމެ ފަހުން އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަންގައި އޮތް އެ ޕާޓީގެ ދަފްތަރުގައި ނެތް 40،000 ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބުނެވެ. މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ތިބީ 54782 މެންބަރުންނެވެ. ނަމަވެސް ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 94،214 މީހުނަށް ވޯޓްލުމުގެ ހައްގު ދީ ލިސްޓް ނެރުނެވެ.