މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ބާއްވާ ޖޮބް ފެއާގައި 26 އިދާރާއަކުން ބައިވެރިވެއްޖެ އެވެ.
އެމްއެންޔޫ ފަހި ފުރުސަތުގެ ނަމުގައި މިފެއާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގަ އެވެ.
ޖޮބް ފެއާގައި ބައިވެރިވި އިދާރާތަކުގެ ތެރޭގައި ދިރާގު، އައިޖީއެމްއެޗް، އެސްޓީއޯ، އެމްޑަބްލިއުއެސްސީ، ހެލްތު މިނިސްޓްރީ، ޔޫތު މިނިސްޓްރީ ހިމެނެ އެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކާއި ބައެއް ރިސޯޓުތަކުން ވެސް ފެއާގައި ބައިވެރިވެފައިވެ އެވެ.
އެމްއެންޔޫ އިން ބުނީ ޖޮބް ފެއާ އަކީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކާއި، އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއީރާތަކުން ކުރިއަށް ދާން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ފެއާ އެއް ކަމަށެވެ.
މި ފެއާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން އަދި ހިލޭ ވަދެވޭ ގޮތަށެވެ.
ފެއާގެ މަގުސަދަކީ މާލެއާއި އަތޮޅު ތެރޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ލިބޭނެ ގޮތްތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ލިބޭނެފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ގޮތް ތަނަވަސްކޮށްދީ އެފަދަ މާހައުލެއް ގާއިމުކުރުމެވެ.
މީގެއިތުރުން އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި އެ ދާއިރާއާ ގުޅޭނެ ފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި އެފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމަކީ ވެސް މަގުސަދެކެވެ. އަދި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުސަތެއް ޔުނިވަސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުމަކީވެސް ފެއާގެ މަގުސަދެކެވެ.