ޕާޓީގައި ކޮންމެ ފިލްމީ ތަރިއަކު ވެސް ބައިވެރިވެފައިވަނީ އެމީހުންގެ ފިރިން ނުވަތަ އަނބިންނާ އެކުގަ އެވެ. ކައިވެނި ނުކުރާ ތަރިން އެމީހުންގެ ލޯބިވެރިންނާއެކު ބައިވެރިވި އެވެ. އެގޮތުން ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ވަނީ ޕަޕަރާޒީންނަށް ސިއްރުން ޕާޓީގައި ބައިވެރިވެފަ އެވެ.
ޕާޓީގައި ބައިވެރިވި އެންމެންގެ ތެރެއިން ވެސް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގެން ދެ ޖޯޑެއް ފާހަގަ ކޮށްލެވެ އެވެ. އެއީ ރިތިކް ރޯޝަން އާއި ސަބާ އާޒާދު އަދި ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން ރޯޝަން އާއި އަރްސަލާން ގޯނީ އެވެ.
ރިތިކް އާއި ސަބާ އަތާ އަތް ގުޅާލައިގެން ޕާޓީ އަށް ވަދެގެން ދިޔައިރު ސުޒާން އައި އަރުސަލާން ވެސް އަތާ އަތް ގުޅާލައިގެން ޕާޓީގައި ބައިވެރިވެ ފޮޓޯ ވެސް ނަގާފައި ވެއެވެ.
މިތަނުން އެއް ފޮޓޯގައި އަރްސަލާންގެ އަތުގައި ބައްދާލައިގެން ސުޒާން ހުއްޓާ ފެނިފައިވާއިރު ރިތިކް އާއި ސަބާ އެކަކު އަނެކަކާ ވަރަށް ރޮމެންޓިކްކޮށް ހަތަރުކަޅި ހަމަކޮށްގެން ތިއްބާ ވެސް ބައެއް ފޮޓޯތަކުން ފެނެ އެވެ.
މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު މީހުންތައް ހީވީ އުތުރި އަރައިގަން ހެންނެވެ. އެއްބަޔަކު މަލާމާތް ކުރިއިރު އަނެއްބަޔަކު ބުނީ މިއީ 'ޒަމާނީ ލޯބި' ކަމަށެވެ.
ރިތިކް އާއި ސަބާގެ އުމުރުގެ ތަފާތު ބޮޑުކަމުން ވެސް ބައެއް މީހުން މަލާމަތްކުރި އެވެ. އެމީހުން ބުނެފައިވަނީ ހީވަނީ ބައްޕަ އަކާއި ދަރިއެއް ހެން ކަމަށެވެ.
"އަނޫޕަމާގެ ކައިވެނި އޯކޭ ވީ މީހުންނަށް ރިތިކް އާއި ސަބާ އޯކޭ ނުވަނީ ކީއްވެބާ؟" ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
"އަނޫޕަމާ"އަކީ ސްޓާޕްލަސް އިން ދައްކާ މަޝްހޫރު ސިލްސިލާ އެކެވެ. މި ސިލްސިލާގައި މިހާރު ދައްކަނީ އަނޫޕަމާ (ރުޕާލީ ގަންގޫލީ) އޭނާއަށް ވުރެ އުމުރުން މާ ހަގު ފިރިހެނަކާ ކައވެނިކުރާ ތަނެވެ.