ދުނިޔެ

ޑާވޮސް ސަމިޓްގައި އީރާނަށް ދެތިން ސުވާލެއް

ސްވިޒަލޭންޑްގެ ޑާވޮސްގައި މިމަހު 22-26 އަށް އޮތް ވޯލް އިކޮނޮމިކް ފޯރަމްގައި އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ވަރަށް މަދުން ނޫނީ ދުނިޔޭގެ މީޑިއާއަށް ނުލިބޭ ފުރުސަތެއްގައި، އީރާންގެ ވަޒީރަކާ ސުވާލު ކުރުމުގެ ފުރުސަތު ސީއެންއެންގެ ފަރީދު ޒަކަރިއްޔާ ހޯދި އެވެ.

ޔުކްރޭން ހަނގުރާމާގައި އީރާނުން ރަޝިއާ ކުށްވެރި ނުކުރަނީ ކީއްވެ؟

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން މިސުވާލަށް އެންމެ ފުރަތަމަ ދެއްވި ޖަވާބަކީ އެއްކޮލުން ހިނިފުޅު ވަޑުވާލުމެވެ. އެއަށް ފަހު ވިދާޅުވީ ކުށްވެރި ކުރައްވާ ކަމަށެވެ.

ހުސައިން އަމީރު ވިދާޅުވީ އީރާނުން ހުރިހާ އަނިޔާޥެރިކަމެއް، ހުރިހާ ހަނގުރާމައެއް ވެސް ކުށްވެރިކުރާ ކަމަށެވެ. އަފްޣާނިސްތާން ހަނގުރާމަ އާއި އިރާގް، ޔަމަން އަދި ފަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތައް ވެސް ކުށްވެރިކުރާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމައަކީ ބަޔަކު ކުރުވައިގެން އުޅޭ ކަމެކެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ފެއްޓުވީ އެމެރިކާ އާއި ނޭޓޯ ކަމަށެވެ. ޔުކްރޭނުް މިހާރު އެފެންނަނީ މޮސްކޯ ރުޅިއަރުވަން އެމެރިކާ އާއި ނޭޓޯ ކުރިން ކަންތައްތައް ކަމަށެވެ.

އީރާނުން ނިއުކްލިއާ ޑީލެއް ނުހަދަން އުޅެނީ ކީއްވެ؟

ހުސައިން އަމީރު ވިދާޅުވި ގޮތުގައި އެމެރިކާއާ އެކު ނިއުކްލިއާ ޑީލެއް ހެދުމާ މެދު އީރާންގައި ވެރިކަންކުރާ ކެބިނެޓްގެ ބައެއް މެމްބަރުން ވެސް ނުގަބޫލެވެ. އޭނާ އަދި ވިދާޅުވީ ހަމައެފަދައިން ބައިޑަން ސަރުކާރުގެ ނުފޫޒުގަދަ ވަޒީރުން ވެސް ދެކޮޅު ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ބައިޑަން ހުންނެވީ އަނގަބަންދުވެފަ އެވެ. އެއީ އޭނާއަށް އޮތް ޕްރެޝަރާ ހެދި އެވެ. އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކީ ބައިޑަން ކުރެއްވިދާނެ ކަމެއް ނަމަވެސް ކެރިވަޑައިނުގެން ހުންނެވީ ކަމަށް ވިދާޅުވި އެވެ.

އީރާންގެ ރިވޮލޫޝަނަނީ ގާޑް ކޯޕްސް އަކީ އެމެރިކާ ބުނާ ގޮތުން ޓެރަރިސްޓު ޖަމާއަތެކެވެ. ޑާވޮސް ސަމިޓްގައި ހުސައިން އަމީރާ ކުރެވުނު އަނެއް ސުވާލަކީ ޓެރަރިސްޓުންގެ ލިސްޓްގައި ރިވޮލޫޝަނަރީ ގާޑުންގެ ނަން އޮތުމަކީ ނިއުކްލިއާ ޑީލަކަށް ހުރަހެއްތޯ އެވެ.

ވަޒީރު ވިދާޅުވީ އެކަމުގައި ބައްލަވާނީ އިރާނަށް އިގުތިސާދީ ގޮތުން ކުރާ ފައިދާއަށް ކަމަށެވެ. އީރާނަށް ރަނގަޅު މަންފާއެއް އޮތް ނަމަ މަޝްވަރާ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އީރާންގެ ކަންބޮޑުވުންތަކަށް ނަޒަރު ހިންގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.