މަސައްކަތްތެރިނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ވަޒީފާ ނެތް ފަރާތްތަކަށް ފަށާ، ސްކީމްއަކަށް ވޯލްޑް ބޭންކުން 24 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370,6ރ.) ގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.
ރާއްޖެ އަށް ގިނަ އަދަދަކަށް މާލީ އެހީވާ ވޯލްޑް ބޭންކުން ނެރެގައިވާ ނޫސް ބަޔާނެއްގައި ބުނީ އަލަށް މި ފަށާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) މަޝްރޫއުގެ ދަށުން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ އެވެ.
"ސެއިލްސް" ގެ ނަމުގައި ފަށާ މި މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ. މި މަޝްރޫ އަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 24 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ.
ސެއިލް ސްކީމް ކުރުކޮށް
- މި ސްކީމަށް ވޯލްޑް ބޭންކުން ދިނީ 24 މިލިއަން ޑޮލަރު
- މި ފައިސާއިން އިންޝުއަރެންސް ސްކީމެއް ގާއިމް ކުރާނެ
- މީގެ އިތުރުން ވަޒީފާގެ ހިދުމަތުގެ ސްކީމެއްވެސް ހިމެނޭ
- ސްކީމް ހިންގާނީ ޕެންޝަން އޮފީހާއި އިކޮނޮމިކް މިނިސްޓްރީން
- ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 5.3 ޕަސެންޓުގައި
އެ ބޭންކުން ބުނީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ކިތަންމެ ވަރުގަދަ ނަމަވެސް، ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް (2019 ވަނަ އަހަރު 5.3 ޕަސެންޓް) މަތިއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އަތޮޅުތެރޭގައި އެވެ. އަދި އަންހެނުން ވަޒީފާތަކުގައި އުޅޭ ނިސްބަތް ވެސް ހުރީ ދަށުގައި، 46 ޕަސެންޓްގަ އެވެ. ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ހުނަރުވެރި ދިވެހިން ހޯދުމުގައި، ރިސޯޓުތައް ހިންގާ ފަރާތްތައް ފަދަ ވަޒީފާ ދޭ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިވަގުތު ފޯރުކޮށްދެވޭ އިޖުތިމާ ރައްކާތެރިކަމުގެ ހަމައެކަނި ވަސީލަތަކަކީ ޕެންޝަނެވެ. ދިވެހި ޒުވާނުން އަމިއްލަ މަސައްކަތްކުރުން އިހްތިޔާރު ކުރާ މިންވަރު އިތުރުވަމުން އަންނައިރު، އެފަދަ ޒުވާނުން ރިޓަޔާ ކުރާ އުމުރަށް އެޅޭއިރު އެކަށީގެންވާ މިންވަރެއްގެ ފައިސާ ރައްކާކޮށް، އާމްދަނީ އަށް އަތުވެދާނެ ހީނަރުކަމާ ކުރިމަތިލާނެ ގޮތްތައް ހޯދައިދިނުމަކީ ވެސް ގޮންޖެހުން ބޮޑު ކަމަކަށް ވާނެ އެވެ.
ނުރަސްމީ އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އިގްތިސޯދީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތަކާއި ކާރިސާތައް ފަދަ ކަންކަމުގެ ހާލަތަށް ތައްޔާރުވުމަށް ފައިސާ ރައްކާކޮށް، އެފަދަ ހާލަތްތަކުގައި އެ ފަރާތްތަކަށް އެ ފައިސާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މިހާރު ހުރި ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަހައްދީ ހަބް ގާއިމްކޮށް، އެ ޖޮބް ސެންޓަރު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެ އެވެ. އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަޒީފާ ހޯދާ އަންހެނުންނަށް ހިތްވަރު ދެވޭނެ އެވެ.