ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބާރު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވަމުން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވޯލްޑް ބޭންކް އިން ބުނެފި އެވެ.
ވޯލްޑް ބޭންކް އިން މިއަދު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓަށް ކުރިއަރައި އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އަންނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ޕޮޒިޓިވް ބަދަލު ފެނުނު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވޯލްޑް ބޭންކް އިން ފާހަގަ ކޮށްފައިވެ އެވެ.
އަންނަ އަހަރު ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ
ސަރަހައްދީ އަޕްޑޭޓާ އެކު މިއަދު ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ގެ އެންމެ ފަހުގެ އަދަދުގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް އިއާދަވަމުން އައުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދިނުމުގެ އިތުރަށް، އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެފަ އެވެ. އެގޮތުން މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ
"ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފަ އެވެ،" ވޯލްޑް ބޭންކް އިން ބުނެފައިވެ އެވެ.
"ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެކެވެ. ރަޝިއާ އާއި ޔޫކްރެއިންގެ ޓޫރިސްޓުންގެ އަދަދު ދިގު މުއްދަތަކަށް މަދުވުމާއި ކޮވިޑް-19ގެ އާ ރާޅުތަކުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ކޮންމެ ވެސް ވަރެއްގެ އުއްމީދެއް އެބަ އޮތެވެ."
ރާއްޖެ އާއި އޭޝިއާގެ ގިނަ ގައުމުތަކުގެ އިގްތިސޯދުގެ ރިވިއުއެއް ހެދުމަށްފަހު ބުނެފައިވާ ގޮތުން މި އަހަރު 6.6 ޕަސެންޓް އަދި އަންނަ އަހަރު 6.3 ޕަސެންޓަށް އިގްތިސޯދުތައް ކުރިއަރާނެ އެވެ. ނަމަވެސް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރި އަސަރުތަކުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހު އަންދާޒާއާ އަޅާބަލާއިރު 1.0 ޕަސަންޓް ދަށްވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
ތަކެތީގެ އަގު އުފުލި މާލީ ހާލަތު ގޯސްވެދާނެ
"ދެކުނު އޭޝިޔާގެ ގައުމުތަކުން މިހާރު ވެސް ދަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފަ އެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެން ދާނެ އެވެ،" ވޯލްޑް ބޭންކް އިން ބުނެފައިވެ އެވެ.