ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވޯލްޑް ބޭންކުން މި ސަރަހައްދަށް އާ ކަންޓްރީ ޑިރެކްޓަރެއް

Jul 1, 2020

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާއަށް އާ ކަންޓްރީ ޑިރެކްޓަރަކު ހަމަޖައްސައިފި އެވެ.

ވޯލްޑް ބޭންކް ގްރޫޕުން މި ސަރަހައްދުގައި ހުންނަވާ އާ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ ފާރިސް ހަދާދު-ޒާވޮސް އެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ ކުރިން ކަންޓްރީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ މަގާމުގެ މުއްދަތު ފުރިހަމަ ކުރައްވައި އެހެން މަގާމަކާ ހަވާލުވެވަޑައިގަތުމުންނެވެ.

ވޯލްޑް ބޭންކުން ބުނީ އާ ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް ހަވާލުވެ ވަޑައިގަތް ފާރިސް ހަދާދު-ޒާވޮސް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ތިން ގައުމުގެ ސަރަހައްދީ އޮފީހުގައި ހުންނަވައިގެން މަސައްކަތްކުރައްވަމުން ގެންދަވާނީ ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާގައި ހިންގާ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ މަޝްރޫއު ތަކަށް ވާލްޑް ބޭންކުގެ އެހީތެރިކަން ބައްޓަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަން ކަމަށެވެ.

ހަދާދު-ޒާވޮސް އަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރު އެވެ. މެލޭޝިއާ އަދި ބޮލީވިއާގައި ކަންޓްރީ މެނޭޖަރުކަން ކުރެއްވުމުގެ އިތުރަށް، އޭނާ ފުރުއްވާފައިވާ އެހެނިހެން މަގާމުތަކުގެ ތެރޭގައި ގަލްފްގެ ގައުމުތަކާއެކު ކުރިއަށްގެންދެވޭ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ މެނޭޖަރުކަމާއި އިރާގުގެ ހެޑް އޮފް މިޝަން، އަދި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހުންނަވާ އޮޕަރޭޝަންސް މެނޭޖަރުކަން ހިމެނެ އެވެ.

ހަދާދު-ޒާވޮސް ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރު މުއްދަތުގަ އާއި ދިގު ރާސްތާގައި ކުރިމަތިވަމުންދާ ސިއްހީ އަދި އިގްތިސޯދީ ގޮންޖެހުންތައް ގިރާ ކުރުމަށްޓަކައި ތިން ގައުމުގެ ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

އޭނާ ވިދާޅުވީ މި ވަގުތު އެންމެ އިސްކަމެއް ދެއްވާނީ މި ހާލަތުގައި އެހީތެރިކަން ހޯދުމަށް ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއްދޭނީ ވާލްޑް ބޭންކުގެ އެހީތެރިކަމާއިއެކު ހިންގޭ މަޝްރޫޢުތައް މެދުވެރިކޮށް، ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ގޮންޖެހުންތައް ކުޑަކޮށް، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއިއެކު، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުން ކަށަވަރުކުރުމަށް. އެގޮތުން، ސަރުކާރުތަކާއި، ތަރައްގީގެ ބައިވެރިންނާއި، އަމިއްލަ ފަރާތްތަކާއި، އަދި މަދަނީ ޖަމްއިއްޔާތަކާއިއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދު ކުރަން،" ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކް އިން ވަނީ ރާއްޖެއި ން ކޮވިޑް-19 އިން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަންގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީ އަދި 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއްވެސް ރާއްޖެ އަށް ވަނީ ހަމަޖައސާފަ އެވެ. ހަމަ އެއާއިއެކު، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި ހިންގޭ 12.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް ދާދި ފަހުން ވަނީ ފާސްކޮށްފަ އެވެ.. ވާލްޑް ބޭންކުން ރާއްޖޭގައި 9 މަޝްރޫޢެއް މިހާރު ހިންގަމުން އަންނައިރު، އެ މަޝްރޫޢޫތަކަށް ޖުމްލަ 140.6 މިލިއަން ޑޮލަރު އަދި އައިޑީއޭ ގެރެންޓީ އަދި ޓްރަސްޓް ފަންޑަކުން ހޭދަކުރެވޭނެ އެވެ.