ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިންކަމް ސަޕޯޓް ދޭން ވޯލްޑް ބޭންކުން 21.6 މިލިއަން ޑޮލަރު ދީފި

ކޮވިޑް-19 އިގެ ސަބަބުން ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނާއި ވަޒީފާ ގެއްލޭ މީހުންނަށް އެހީވާން ހިންގާ އިންކަމް ސްޕޯޓް ޕްރޮޖެކްޓް އަށް ވޯލްޑް ބޭނުންކުން އިތުރު 21.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 332,6 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިތުރަށް ހަމަޖެއްސި މި ފައިސާގެ ތެރެއިން 12.8 މިލިއަން ޑޮލަރުއަކީ މިދިޔަ އަހަރުގެ ޖޫން މަހު ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާ ކުރަން ދިން ފައިސާ ކަމަށެވެ.

އެ ބޭންކުން ބުނީ، އިމަޖެންސީ އެހީގެ ފަންޑު އިތުރުކޮށްފައި ވަނީ ރާއްޖޭގައި ވެސް ވަޒީފާ ގެއްލިފައިވާ މީހުންނާއި އާމްދަނީ ލިބުން ދަތިވެފައިވާ މީހުން ގިނަވެފައި ވާތީ ކަމަށެވެ. މިއީ ކޮވިޑުން އަރައިގަތުމަށްޓަކައި ދެވޭ އެހީއެއް ކަމަށް ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ. ވަޒީފާ ގެއްލި އާމްދަނީ ލިބުން ދަތިވެފައިވާ ފަރާތް ތަކަށް އިމަޖެންސީ ފަންޑުން 5000 ރުފިޔާ ލިބޭނެއެވެ.

އިންކަމް ސްޕޯޓް އެލަވަންސް ކުރިއަށް ގެންދަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑް މިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ. މި މަޝްރޫ އަށް އިތުރަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 21.6 މިލިއަން ޑޮލަރެވެ.

މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ. އިތުރަށް ހަމަޖެހުނު ފައިސާއާ އެކު، 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' އަށް ޖުމްލަ ހޭދަކުރެވޭނީ 34.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، މީގެ ކުރިން އައިޑީއޭ އިން ފޯރުކޮށްދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ހިމެނެ އެވެ.

ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް ގެ ދަށުން މިހާރު ވެސް ވޯލްޑް ބޭންކުން ރާއްޖެ އަށް އަންނަނީ އެހީވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އަވަސް އެހީއެއްގެ ގޮތުގައި 7.3 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ދީފަ އެވެ. މީގެ އިތުރުން 952،000 ޑޮލަރުގެ އިމަޖެންސީ ޕެންޑެމިކް ފެސިލިޓީއެއް ވެސް އެ ބޭންކުން ވަނީ ހަމަޖައްސައި ދީފަ އެވެ. ޖުމްލަގޮތެއްގައި މިހާތަނަށް ކޮވިޑް ފަންޑަށް އެ ބޭންކުން 148 މިލިއަން ޑޮލަރުގެ އެހީ ދީފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންކަމް ސްޕޯޓުގެ ގޮތުގައި މިހާތަނަށް އިންކަމް ސަޕޯޓަށް ދޫކުރި އަދަދު ވަނީ 252.5 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.