ވިޔަފާރި

ވޯލްޑް ބޭންކް: ކުރިއަށްވުރެ ރާއްޖޭގައި ވިޔަފާރި ކުރަން އުނދަގޫ ވެއްޖެ

Oct 27, 2019
11

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރި ކުރަން އުނދަގޫ ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި ވޯލްޑް ބޭންކުން އަހަރަކު އެއް ފަހަރު ނެރޭ "އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް 2020" ގައިވާ ގޮތުން މި އަހަރު ރާއްޖެއަށް ދީފައިވާ ރޭންކް އެންމެ ފަހުން ނެރުނު އަދަދުގައި ވަނީ ދަށްކޮށްފަ އެވެ.

މި އަހަރު އެންމެ ފަހުން ނެރެފައިވާ އިންޑެކްސްގައި ވޯލްޑް ބޭންކުން ރާއްޖެއަށް ދީފައިވަނީ 139 ވަނަ އެވެ. ނަމަވެސް 2020 ގެ އިންޑެކްސް ނެރުނުއިރު ރޭންކް ވަނީ 147 އަށް ބަދަލު ކޮށްފަ އެވެ.

އީޒް އޮފް ޑްއިން ބިޒްނަސް އިންޑެކްސްގައި ރޭންކް ކުރުމުގައި 10 ކަމަކަށް ބަލަ އެވެ. މީގެ ތެރެއިން ގިނަ ދާއިރާ ތަކުން ރާއްޖެ ވަނީ ލިބޭ މާކްސް އިން ފަހަތަށް ގޮސްފަ އެވެ.

އިންޑެކްސްގައި ރާއްޖޭގެ މާކްސްތައް

  • ވިޔަފާރި ފެށުން: 74 މާކްސް
  • އިމާރާތް ކުރުމުގެ ހުއްދަ ހޯދުން: 63 މާކްސް
  • ކަރަންޓުލުން: 149 މާކްސް
  • ވިޔަފާރި ރަޖިސްޓްރީ ކުރުން: 176 މާކްސް
  • ކުދި އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށްދިނުން: 147 މާކްސް
  • ޓެކްސް ދެއްކުން: 119 މާކްސް
  • ޓްރޭޑިން އެކްރޮސް ބޯޑާސް: 157 މާކްސް
  • އެއްބަސްވުންތައް ތަންފީޒު ކުރުން: 124 މާކްސް
  • ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުން: 141 މާކްސް

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރިއާ ގުޅޭ އެއްވެސް ގާނޫނެއް ރާއްޖޭގައި ބަދަލުވެފައެއް ނުވެއެވެ.

ފަސް އަހަރު ރާއްޖޭގެ ރޭންކް

  • 2014: 79
  • 2015: 95
  • 2016: 129
  • 2017: 135
  • 2018: 139

ވިޔަފާރި އަށް ފަސޭހަ ގައުމުގެ ލިސްޓުގައި ސާކް ސަރަހައްދުން ރާއްޖެ އުޅެނީ ފަހަތުން ތިން ވަނައިގަ އެވެ. ރާއްޖެއާ އެންމެ ކައިރީގައި އުޅެނީ 173 ވަނާގައި އޮތް އަފްޣާނިސްތާނާއި 168 ވަނާގައި އޮތް ބަންގްލަދޭހެވެ. މި ސަރަހަދަށް ބަލާއިރު ދުނިޔޭގެ ފެންވަރުގައި ވިޔަފާރީގެ ދާއިރާއަށް އެންމެ ބޮޑު އިސްލާހެއް ގެނައި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭހެވެ.