ވިޔަފާރި

2021 ގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ: ވޯލްޑް ބޭންކް

އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 7.9 ޕަސެންޓާއި 8.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފި އެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައިވާ ގޮތުން ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ބިނާ ވެފައިވާ މައިގަނޑު ދާއިރާ ކަމަށްވާ ޓޫރިޒަމް ސިނާއަތް ހުއްޓުމަކަށް އައިސްފައި ވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދުގެ ދުވެލި 13 ޕަސެންޓާއި 17.5 ޕަސެންޓަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް، ޓޫރިޒަމް ސިނާއަތް މަޑުމަޑުން ހަމައަކަށް އެޅެމުން ދާ ވަރަކަށް، 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު 7.9 ޕަސެންޓާއި 8.5 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖަހާއިރު، ރާއްޖޭގެ އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާއަށް ވޯލްޑް ބޭންކުން އެހީވާން ތައްޔާރަށް އޮތް ކަމަށެވެ. ވޯލްޑް ބޭންކް އިން ދާދި ފަހުން ވަނީ ސަރުކާރުން ދޫކުރަމުން ގެންދާ "އިންކަމް ސަޕޯޓް" މަޝްރޫ އަށް 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 198,4 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފަ އެވެ.

އެ ބޭންކުން ބުނީ މި ކާރިސާގެ ސަބަބުން އިގްތިސޯދަށް ލިބެމުން ދާ ގެއްލުންތައް ކުޑަ ކުރުމަށް، ސަރުކާރުން ވަނީ އިގްތިސޯދީ އަދި މާލީ ގޮތުން ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށެވެ. ވޯލްޑް ބޭންކުގެ ނޫސް ބަޔާނުގައި މި ހާލަތުގައި ސަރުކާރުން ދީފައިވާ ލުއިތަކާއި އިކޮނޮމިކް ރިލީޕް ފެކޭޖުގެ މައްޗަށް ބަލާލާފައިވެ އެވެ.

ވޯލްޑް ބޭންކް އިން ރާއްޖެ، ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ވަނީ ވަރަށް ބާރަށް ކުރިއަރާފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އިގްތިސޯދު ޖުލައި މަހު ހުޅުވަން މަސައްކަތް ކުރަމުންނެވެ. ޖުލައި މަހު އިގްތިސޯދު ހުޅުވި ނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓް މަދުވެ، އާމްދަނީ އިން 14 ބިލިއަން ރުފިޔާ އުނިވެގެން ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.