ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފަނޑިޔާރަކަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައެއް ކޮމިޝަންގެ ސަމާލުކަމަށް އައީ މިދިޔަ ހަފްތާ ނޫން ކުރީ ހަފްތާގައި ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފްތާގައި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިހާރުގެ އާންމު އުސޫލަކީ ސޯޝަލް މީޑިއާގައި ކަމަށްވީ ނަމަވެސް ނުވަތަ އެހެން ޕްލެޓްފޯމެއްގައި ނަމަވެސް ފަނޑިޔާރެއްގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ނުވަތަ ފަނޑިޔާރަކަށް ތްރެޓް ކުރާނަމަ އެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ގެނައުން. އެގޮތުން ރައީސް ޔާމީންގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް "ތުރެޓް" ކުރާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. ފުރަތަމަ ކަމަކީ އެގޮތަށް ދޭ އިންޒާރުތަކުގެ ސަބަބުން އެ ފަނޑިޔާރެއްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަންޖެހޭނަމަ އެކަމެއް ކުރުމާއި، އެ އިންޒާރަކާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުން ކަމަށެވެ.
ޖޭއެސްސީން ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅީ މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅޭ މައްސަލަ އެކެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު ވަދެވަޑައިގަތީ "ޖަމްޕް" ޖަހައިގެން ކަމަށާއި ގާބިލުކަމާއި ތަޖުރިބާ އަށް ބަލާފައި ނޫން ކަމަށެވެ. އެ މަގާމު ފަނޑުޔާރު އަލީ ރަޝީދަށް ލިބިވަޑައިގަތީ އެ ފަނޑިޔާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް ހުންނަވައިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތަށް އަމަލުކޮށްފައިވާތީ ފަނޑިޔާރު އަލީ ރަޝީދު ފަދަ ބޭފުޅުން ޖަލަށް ލުމަށްޓަކައި ޖަލުތައް ބޮޑުކުރަން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.