ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިސްތިއުނާފުގެ މައްސަލައަށް ވަކި ގޮތެއް ނާންގާ: ހަސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިލްތިމާސްގެ މައްސަލައާމެދު އެ ކޯޓުން އަދި ވަކި އެއްޗެއް އަންގާފައިނުވާ ކަމަަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާނޫނީ ވަކީލް ހަސަން ލަތީފު ވިދާޅުވީ، އެ މައްސަލަ ބަލައިގަންނަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަންގާފައިނުވާ ކަމަށާއި ރައީސް ނަޝީދުގެ ފަރާތުން ނިންމަންޖެހޭ ކަމެއް ނިންމާފައިނުވާ ކަމަށް ވެސް ކޯޓުން ބުނެފައިނުވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ޖަވާބެއް ހޯދުމަށް ނަޝީދުގެ ގާނޫނީ ވަކީލުން ކޮންމެ ދުވަހަކު ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ އިތުރުން ސިވިލް ކޯޓަށާއި ހައި ކޯޓަށް ހުށަހަޅާފައިވާ ނަޝީދުގެ މައްސަލަތައް ބަލައިގަތުމާ ގުޅޭގޮތުން ވެސް އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށެވެ.

އދ. އިން ނިންމި ނިންމުން ތަންފީޒުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ވެއްދީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމަށް އަމަލު ކުރުމަށް ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް އެދިފައިވެ އެވެ.

ހައިކޯޓަށް ވެއްދީ ނަޝީދު ގާނޫނާ ހިލާފަށް ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލަ އެކެވެ. މި މައްސަލައަކީ މީގެ ކުރިން ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ބޭފުޅަކަށް ވާތީ، ގައިދީއަކު ޖަލަށް ގެންދިއުމަކީ މައްސަލައެއް ކަމަށް ނުވާތީ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން، ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ނަޝީދާ ބައްދަލުކުރައްވައެވެ. ހަސަން ވިދާޅުވީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެ ފުރުސަތު ލިބެމުންދާ ކަމަށެވެ.