ހާއްސަ ދުއާ އަކުން ސްޓެލްކޯގެ މުވައްޒަފުންގެ އަހަރުގެ ފުރަތަމަ މަސައްކަތު ދުވަސް ފަށައިފި އެވެ.
މިއަދު ހެނދުނު 8:00 ގައި އެކުންފުނީގެ ހުރިހާ އިންޖީނުގެތަކުގައި ބޭއްވި އެސެމްބްލީއެއްގައި ކުންފުނީގެ ދިދަ ނަގައި ދުއާއެއް ކުރުމުގެ އިތުރުން މުވައްޒަފުންގެ އެއްބައިވަންތަކަމާއި މަސައްކަތުގެ މާހައުލުގައި ގުޅިގެން އުޅުމަށް ބާރުއެޅޭ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.
މި ހަފްލާ އެކުންފުނިން ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައި ކުރިއަށް ދިއައެވެ. މިއަދުގެ ޙަރަކާތުގައި މާލެއާއިއެކު އެކުންފުނިން ޚިދުމަތްދޭ 33 އިންޖީނުގެއަކުން 600 އެއް ހާ މުވައްޒަފުން ބައިވެރިވިއެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދިދަ ނެންގެވީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުއްޝަކޫރެވެ.