ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް މައިތިރި ކުރުމަށް ދުރުރާސްތާ މިސައިލް ބޭނުންވާ ކަމަށް އެގައުމުން ބުނެފި އެވެ.
ޔުކްރޭންގެ ޕާލަމެންޓް މެމްބަރު ކިރާ ރަޑިކް ސްކައި ނިއުސްއަށް ވިދާޅުވި ގޮތުގައި އިރުމަތީ ޔުކްރޭނުން ރަޝިއާ ސިފައި ފައްސާލެވެން އޮތީ ދުރުރާސްތާ ހަތިޔާރާއި ބަރުހަތިޔާރު ލިބިގެން ކަމަށެވެ.
ޔުކްރޭނުން ބުނާ ގޮތުން އެމެރިކާ އާއި އިނގިރޭސިން ވައުދުވި ގޮތަށް ހަތިޔާރު ސަޕްލައި ނުކޮށްދެ އެވެ. ޔޫރަޕުން ފޯރުކޮށްދޭނެ ކަމަށް ބުނި ވަރާ ގާތަށް ވެސް އަސްކަރީ އެހީ ދީފައި ނުވާ ކަމަށް ޔުކްރޭން ބުނެ އެވެ.
ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯ ގަބޫލު ކުރާ ގޮތުގައި ޔުކްރޭނަށް ބަރުހަތިޔާރު ފޯރުކޮށް ދިނުން ވާނީ ބޮޑު ގޯހަކަށެވެ. ރަޝިއާއާ ވާދަކުރުމަށް ހަނގުރާމަ އިތުރަށް ފުޅާކުރުމުން ހަމަނުޖެހުން ތަކަށް ދުވަހަކު ވެސް ހައްލެއް ނާންނާނެ ކަމަށް އެމީހުން މިހާރު ގަބޫލުކުރެ އެވެ.
ޔުކްރޭނަށް ބަރުހަތިޔާރު ފޯރުކޮށްދީފި ނަމަ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ރަޝިއާ ވެސް އޮތީ ބުނެ އިންޒާރުދީފަ އެވެ. ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ސަޕްލައިކުރާ ގައުމުތަކަށް ހަމަލާދޭން ޖެހިދާނެ އެވެ.
ޔުކްރޭންގެ ފަސްގަނޑުގައި އަދި ޔުކްރޭނަށް ނިސްބަތްވާ ސަރަހައްދުގައި އަސްކަރީ މުއާމަލާތެއް ކުރާ ނަމަ ރަޝިއާއިން ހަމަލާދޭނެ ކަމަސް ވެސް އޮތީ ބުނެފަ އެވެ. އެމެރިކާ އަދި ޔޫރަޕުން ހަތިޔާރު ސަޕްލައިކުރަނިކޮށް ފެނިއްޖެ ނަމަ އެވާނީ ސައްހަ އަމާޒަކަށް ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.
ޔުކްރޭނުން މިހާރު ވެސް ވިސްނަނީ ހަތިޔާރު ހޯދައިގެން ރަޝިއާއަށް ހަމަލާ ދިނުމަށެވެ. މަޝްވަރާ ކޮށްގެން ގެއްލުން ކުޑަ ގޮތަކަށް ސުލްހަވެވޭތޯއެއް ނޫނެވެ.
އެމެރިކާ އާއި ޔޫރަޕން އެދޭ ގޮތަކީ ވެސް ރަޝިއާ ބަލިކުރުމެވެ. މިހަނގުރާމާގައި ރަޝިއާ މޮޅުވެއްޖެ ނަމަ އެވާނީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި މުޅި ޔޫރަޕަށް ލިބޭނެ ވަރަށް ބޮޑު ހުތުރަކަށްކަން އެމީހުން ދަނެ އެވެ.