ކަނޑުމަތީގެ ހާދިސާ

ފަރަށް އެރި ބޯޓު ފުންކޮށްފި

May 30, 2022

މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "މާޒު" ނަމަކަށް ކިޔާ ބޯޓު ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 4:51 ހާއިރު ކަމަށެވެ.

މުދާ އުފުލާ މާޒު ބޯޓު އަރާފައިވަނީ މ. ތުވަރުގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ދުރުގައި އޮތް ފަރަކަށެވެ.

ބޯޓު ފަރަށް އެރިވަގުތު އަށް މީހަކު އެ އުޅަނދުގައި ތިބި ނަމަވެސް މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ބޯޓު ފުންކުރަން ކުރި މަސައްކަތުން މިއަދު ހެނދުނު 10:45 ގައި ބޯޓު ފުންކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރުމާ ގުޅިގެން ބޯޓުގެ ބަނޑުފިލާ ކުޑަކޮށް ފަޅައިގެން ގޮސްފައިވާތީ ސިފައިންގެ ޕަންޕެއް ބޭނުންކޮށްގެން ފެން ހިއްކަމުން، ބޯޓު ދަތުރުކުރަނީ މ. މުލީ އަށް ކަމަށެވެ.

ބޯޓު ފަރަށް އެރިއިރު އެ އުޅަނދުގައި މުދާ ހުރި ނަމަވެސް ހުރީ ކިހާ މުދަލެއް ކަމެއް ސާފެއް ނުވެ އެވެ.