އެސްޓީއޯ

އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަނީ

May 30, 2022
2

އިހަވަންދިއްޕޮޅުގައި ތެޔޮ ރައްކާ ކުރާނެ ސްޓޯރޭޖަކާއެކު ބަންކަރިން ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން އަމުރު ވިދާޅުވީ ރާއްޖެ އޮންނަ އެއް ޑިގްރީގެ ލޮކޭޝަންއަކީ ތަފާތު މަގެއް ކަމަށާ، އެތަނުގެ ފައިދާ ހޯދަން ޖެހޭ ކަމަށެވެ.

"އެ ސަރަހައްދަކު ނެތް މާގިނައިން ހިދުމަތް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ މަގުސަދަކީ ސްޓްރެޓެޖިކް ސްޓޯރޭޖާއެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން. ފުރަތަމަ މަސައްކަތް ކުރަނީ ފްލޯޓިން ސްޓޯރޭޖަކާއެކު މަަސައްކަތް ފަށަން. އެކަން ކޮށްފިނަމަ ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއެސްއެމްގެ ފްލީޓަށް އިތުރު ބާޖު ވެސް ގެނެސްފައިވާ ކަމަށާ މި ކަމުން އެ ކުންފުނީގެ ހިދުމަތް ވެސް ރަނގަޅު ވާނެ ކަމަށެވެ.

"އަޅުގަނޑު ހައިރާންވޭ އަހަރުގެ ކޮންމެ ދުވަހަކު 360 ދުވަހު ރަށްރަށަށް ގޮސް ތެޔޮ އަޅާލަ އަޅާލަ އެފްއެސްއެމް އޮންނަނީ. މިހާރު އެފްއެސްއެމްގެ ހިންގުންވެސް ވަނީ ހަރުދަނާވެފައި،" އަމުރު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި "އައިހެވަން"ގެ ނަމުގައި ކުރީ ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގަން މަސައްކަތް ކުރި އެވެ. އެތައް ބިލިއަން ޑޮލަރެއްގެ މި މަޝްރޫއުގައި ވެސް ބަންކަރިން އާއި ޓޫރިޒަމްގެ ފެސިލިޓީ އަދި ޑިއުޓީ ފްރީ ޒޯން ފަދަ ޒަމާނީ ހިދުމަތްތައް ދޭން ރޭވި އެވެ.