ތައްޔާރީ ކާނާގެ ބާވަތްތައް ބާޒާރުން ފަސޭހައިން ލިބެން ހުރި މިޒަމާނުގައި ގިނަ ބަޔަކު ދިރިއުޅެނީ ނޫޑްލްސް ފަދަ ކާނާ ކައިގެންނެވެ. ނަމަވެސް މި ފަދަ ކާނާ ކާން ހިތްހަމަނުޖެހޭ މީހުން ވެސް މަދެއް ނޫނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ބަތާއި ރިހަޔާއި ރޮއްޓާއި މި ނޫންވެސް ތަކެތި ކޮންމެ ކާޑިއެއްގައި ވެސް ސުފުރާ މަތިގައި ހުންނަން ޖެހޭނެ އެވެ. ނޫންނަމަ އަލަށް ކައިވެނިކުރާ ދެމަފިރިން ވެސް ވަރަށް އަވަހަށް ވަރިވާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އިންޑީއާގައި ދާދިފަހުން ދެމަފިރިން ވަރިވެފައިވަނީ ހަމަ މިފަދަ ކަމެއް ދިމާވެގެންނެވެ. ފިރިހެންމީހާ އޭނާގެ އަންހެނުން ވަރިކުރަށް ކޯޓަށް ގޮސް ދެއްކި އުޒުރަކީ އަންހެނުން ހުރިހާ ގަޑިއަކަށް ނޫޑްލްސް ކެއްކުމެވެ. އޭނާގެ އަންހެނުންނަށް އެހެން އެއްވެސް އެއްޗެއް ކައްކަން ނޭނގޭ ކަމަށް މި ފިރިހެންމީހާ ކޯޓުގައި ބުނެފައި ވެއެވެ.
ނޫޑުލްސް އަބަދު ކައްކާތީ ދެމަފިރިއަކު ވަރިވި ވާހަކަ ދައްކާފައިވަނީ މައިސޫރު ސެޝަން ކޯޓުގެ ޕްރިންސިޕަލް ޑިސްޓްރިކްޓް އެމްއެލް ރަގޫނާތު ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. ރަގޫނާތު އަކީ ބައްލާރީ ޑިސްޓްރިކްޓްގެ ފަނޑިޔާރު ވެސް މެއެވެ.
މި ޕްރެސް ކޮންފަރެންސް ބާއްވާފައިވަނީ ކައިވެނީގައި މައްސަލަތައް ޖެހި ވަރިވާން ކޯޓަށް ދާ މީހުންގެ އަދަދު މި ފަހަކަށް އައިސް މާ ގިނަވަމުންދާތީ އެކަމާ ގުޅޭ މައުލޫމާތު ދެއްވުމަށެވެ.
ރަގޫނާތު ވިދާޅުވީ ވަރަށް އާދައިގެ ކުދިކުދި މައްސަލަތަކުގައި ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅުން މިހާރު ވަރަށް އާއްމުކަމަކަށް ވެއްޖެ ކަމަށެވެ. ހުރިހާ އިރަކަށް ނޫޑްލްސް ކާންދޭންތީ އަންހެނުން ވަރިކުރި ވާހަކައަށް އޭނާ އަލިއަލުވާލީ އެހާ ކުޑަ ކުޑަ ކަމަކާ ހެދި ވެސް މީހުން އަނބިން ވަރިކުރާކަން ހާމަކޮށްދެއްވުމަށެވެ.
"އެ ފިރިހެންމީހާ ކޯޓުގައި ބުނީ އޭނާގެ އަންހެނުން ހެނދުނު ސަޔަށާއި މެންދުރު ކެއުމަށް އަދި ރޭގަނޑުގެ ކެއުމަށް ވެސް ކައްކަނީ ނޫޑުލްސްއޭ. އަދި ކައްކަން އެއްޗެތި ގަންނަން ފިހާރައަކަށް ދިޔަޔަސް ނޫޑްލްސް ނޫން އެއްޗެއް ނުނަގަޔޭ،" ޖަޖް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކާ އެއްޗެތީގައި ލޮނު މަޑުވެގެން ތަށީގެ ނުބައި ފަޅިއަކަށް ލޮނުކޮޅެއް އަޅައިގެން ވެސް މީހަކު އޭނާ އަންހެނުން ވަރިކުރަން ކޯޓަށް ގޮސްފައި ވެއެވެ. އަދި ކައިވެނި ކުރިދުވަހު ލާން ޖެހުނު ސޫޓުގެ ކުލަ ކަމުނުގޮސްގެން ވެސް މީހަކު އޭނާގެ އަންހެނުން ވަރިކުރިކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.