ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ފަންޑު ރެއިޒް ކުރަން ކައިންޑްލީ ބައި ބީއެމްއެލް

Jun 1, 2022

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ތައާރަފު ކުރި މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ ކައިންޑްލީ ބައި ބީއެމްއެލް އެވެ. މި ތައާރަފްކުރެވުނު އައު ޕްލެޓްފޯމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމަ އަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ކައިންޑްލީ ބައި ބީއެމްއެލްއަކީ ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެއަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް 'ކައިންޑްލީ ބައި ބީއެމްއެލް' ގައި ރަޖިސްޓާ ކުރެވޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާ ކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރެވޭ އޮންލައިން ފަންޑްރެއިޒިންގ ޕްލެޓްފޯމް ގާއިމްކޮށް އިފްތިތާހު ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ކްރައުޑް ފަންޑިން އަކީ މަގުބޫލުކަމެއް. ކައިންޑްލީގެ ހިޔާލު އައީ ފަންޑްރެއިޒް ކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި. އަޅުގަނޑުމެންއެންމެނަށް ވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެންގެ މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެކަމަށް އުންމީދުކުރަން."