އަލިފާން

އިރާނުގައި ހުންނަ ސައުދީ އެމްބްސީގައި އަލިފާން ރޯކޮށްލައިފި

އިރާނުގެ ޝީއީ އިމާމް ނިމްރް އަލް ނިމްރްއަށް ސައުދީ އަރަބިއްޔާގައި މަރުގެ އަދަބު ތަންފީޒު ކުރުމުން އެކަމާއި ހިތްހަމަ ނުޖެހިގެން އިރާނުގައި މުޒާހަރާ ކުރަމުންދިޔަ ބަޔަކު އެގައުމުގައި ހުންނަ ސައުދީގެ އެމްބަސީގައި އަލިފާން ރޯކޮށްލައިފި އެވެ.

ނިމްރް އަށް މަރުގެ އަބަދު ތަންފީޒުކޮށްފައި މިވަނީ އިއްޔެ ސައުދީގައި 47 މީހުންނަށް އެއްފަހަރާ މަރުގެ އަދަބު ތަންފީޒުކުރި ވަގުތުގަ އެވެ.

ނިމްރް އަށް މަރުގެ ހުކުމް ތަންފީޒުކުރުމުން އިރާނުން ރުޅިގަދަވި ނަމަވެސް ސައުދީން ބުނީ ސައުދީ ސަރުކާރުން ސުންނީންނާއި ޝީއީންނާއި ދެމެދު ތަފާތުކުރުންތަކެއް ނުގެންގުޅޭ ކަމަށެވެ. އަދި މީގެއިތުރުން ސައުދީން ވަނީ އިރާނުން އެކަމުގެ ތެރެއަށް ވަނުމުން ނުރުހުން ފާޅުކޮށް، އެކަމާއި ދެކޮޅަށް އިރާނުން ދައްކާ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.

ނިމްރް އަކީ ޝީއީ ޖަމާއަތުގެ ޝޭހެކެވެ. އޭނާ ހައްޔަރުކުރީ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި، ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެގެން 2011 ވަނަ އަހަރެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ސައުދީގެ ސުޕްރީމް ކޯޓުންނެވެ.

ތެހްރާންގައި ހުންނަ ސައުދީ އެމްބަސީގައި އަލިފާން ރޯކުރުމުގެ ކުރިން މުޒާހަރާގެ ބައިވެރިންވަނީ ފަރުނީޗަރުތަކާއި އެއްޗެހި ހަލާކުކޮށްފައި ކަމަށް އިރާން ފުލުހުން މައުލޫމާތު ދެއެވެ.

މަންޒަރުދުށް މީހުން ބުނީ މުޒާހަރާގެ ބައިވެރިން އެމްބަސީގެ ތެރެއަށް ޕެޓްރޯލް ބޮން ވެސް އުކާހެދި ކަމަށެވެ. އަދި ބައެއް މީހުން އެމްބަސީ ތެރެއަށް ވަނީ ފާރުމަތިން ކަމަށެވެ.

އީރާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ވެސް ބަޔަކު ވަނީ އަލިފާން ޖަހައިފަ އެވެ.