އެސްޓީއޯ އިން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން (އައިޓީއެފްސީ)އާ އެކު 175 މިލިއަން ޑޮލަރު -- 2.7 ބިލިއަން ރުފިޔާގެ މުރާބަހާ ޓްރޭޑް ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިސްރުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ އަހަރީ ބައްދަލުވުމުގެ ތެރެއިން މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލިމް ސޮންބޮލް އެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
އައިޓީއެފްސީގެ މި ފެސިލިޓީ އަކީ މިފަހަކަށް އައިސް އެ ފަރާތުން ކޮންމެ އަހަރަކު ވެސް އެސްޓީއޯ އަށް ހަމަޖައްސައިދޭ ފެސިލިޓީ އެކެވެ. މިދިޔަ އަހަރު މިފެސިލިޓީގެ ގޮތުގައި ހަމަޖައްސައިދިނީ 75 މިލިއަން ޑޮލަރެވެ.
މިފެސިލިޓީގައި އެސްޓީއޯ އިން ގަންނަން ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް އައިޓީއެފްސީން ގަނެ ވަކި ވަރެއްގެ ފައިދާއެއް ލުމަށްފަހު އެސްޓީއޯ އަށް ވިއްކާނެ އެވެ. އިސްލާމިކް ފައިނޭންސިން މޮޑެލްއެއް ކަމަށްވާ މި ފެސިލިޓީގެ ދަށުން މައިގަނޑު ގޮތެއްގައި ގަންނާނީ އަސާސީ ކާބޯތަކެއްޗާއި ތެލާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނެވެ.
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އައިޓީއެފްސީގެ ފެސިލިޓީ މިއަހަރު ބޮޑުކޮށްދީފައިވަނީ ވެސް އެސްޓީއޯގެ މާލީ ހާލަތަށް ބެލުމަށްފަހު އެވެ.