ދުނިޔެ

ރަޝިއާއިން 243 ކުދިން މަރައިފި: ޒެލެންސްކީ

ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި 243 ކުދިން މަރުވެވައިވާ ކަމަށް، ޔުކްރޭންގެ ރައީސް ވޮލޮޑީމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ އަދި ވިދާޅުވީ ރަޝިއާގެ ހަމަލާތަކުގެ ސަބަބުން 446 ކުދިންނަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށާއި 139 ކުދިން ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ޒެލެންސްކީ ތުހުމަތު ކުރައްވާ ގޮތުގައި ރަޝިއާއިން ގެންދަނީ ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އަދި މީހުން ވަގަށް ނެގުމާއި ގެއްލުވާލުން ފަދަ ނުބައި އަމަލުތައް ވެސް ރަޝިއާ ހިންގާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އިންސާނުންނަކީ ރަޝިއާއަށް އެކައްޗަކަށް ވެސް ނުވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއަށް ތަބާނުވާ ނަމަ، ރަޝިއާ ސިފައިންގެ ބޫޓުދަށުގައި އެ މީހަކު ހިރަފުހަށް ހަދާ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭނުން އިންސާނުނާ މެދު ޖަނަވާރުންގެ އުސޫލު ނުގެންގުޅޭނެ އެވެ. ހަނގުރާމައި ކުށްވެރިއެއް ނަމަވެސް އޮންނަ އުސޫލުން ޝަރީއަތްކޮށްގެން ނޫން ގޮތަކަށް އަދަބެއް ނުދޭނެ އެވެ. އޭނާ އަދި ވިދާޅުވީ އެ ގޮތުން ވެސް ޖާނަށް އަނިޔާވެރި ނުވާނެ ކަމަށެވެ.

ރަޝިއާ-ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން އަދަދުކުރަން ނޭނގޭ ވަރަށް މީހުން ވަނީ މަރުވެފަ އެވެ. ރަޝިއާ ސިފައިންނާއި ޔުކްރޭން ސިފައިން އަދި އާންމުންގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ދެގައުމުގެ ރަސްމީ ހިސާބުތަކުން ދައްކާ އަދަދު، އަސްކު އަދަދާ ދިމާނުވާނެ ކަމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެ އެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން މަރުވާ މީހުން އަދަދުކުރަން ފަސޭހަނުވާނެ ކަމަށް ވެސް ޖަމިއްޔާތަކުން ބުނެ އެވެ. އެއީ ބައެއް މީހުން ޖަންގައްޔަށް ގެއްލި އަދި ސްނޯގައި ވަޅުލެވިފައި ވާތީ އެވެ.